ހަބަރު

ޝީއާއުގެ މަރު: ޝަރީއަތް ސިއްރުކުރަން ދައުލަތުން އެދިއްޖެ

ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ޝަރީއަތް ސިއްރުކުރަން ފްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން އެދިއްޖެ އެވެ.

ޕީޖީ އޮފީހުން ވަނީ ޝިއާއުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ޝާހިލްގެ މައްޗަށް ކުރަން ހުށަހަޅާފައިވާ ދެ ދައުވާއެއްގެ ތަފްސީލް މިވަގުތު ދެވެން ނެތް ކަމުގައި އެ އޮފީހުން ބުނެެ އެވެ.

އެ އޮފީހުން ބުނީ ޝިއާއުގެ އިންސާނީ ކަރާމާތަށް އުނިކަން އަތުވެދާނެތީ އާއި އާއިލާއަށް އިތުރު ހިތާމައެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ހުރިހާ ދައުވާއެއްގެ ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.

މިއީ ރާއްޖޭގައި މީހެއްގެ މައްޗަށް ކުރި ޖިނާއީ ދައުވާއެއް ސިއްރުކުރި ފުރަތަމަ ފަހަރެވެ.

މި ދައުވާތަކުގެ ޝަރީއަތް ސިއްރުކޮށްދިނުމަށް ފީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އެދިފައިވީ ނަމަވެސް މިކަމާ މެދު އަދި ކްރިމިނަލް ކޯޓުން ގޮތެއް ނުނިންމަ އެވެ.

ޝިއާއު މަރާލާފައި އޮއްވާ ފެނުނީ މިއަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރެ އެވެ.

ޝިއާއުގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ޝާހިލްއާ އެކު އެ އެޕާޓްމެންޓުގައި އުޅުނު ދެމަފިރިންނެވެ. ޝިއާއު މަރާލި ކަމަށް ތުހުމަތުކުރާ ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިން މަސްތުގެ ހާލަތުގައި ހުއްޓަ އެވެ.

ފުލުހުން ބުނީ ޝިއާއު މަރުވީ ލިބުނު ޒަހަމްތަކުންކަން ޕޯސްޓްމޯޓަމް އިން އެނގޭ ކަމަށާއި ޝިއާއު މަރުވި ފަހުންވެސް ބައެއް ގުނަވަންތަކަށް ހަމަލާދީފައިވާކަން ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ.

ޝިއާއުގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ޝާހިލްގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާފައިވާއިރު ނަފުސާނީ މައްސަލައެއް ޝާހިލްގެ ހުރިކަން ފާހަގަނުކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މިއީ ރާއްޖޭގައި މީހެއްގެ މައްޗަށް ކުރި ޖިނާއީ ދައުވާއެއް ސިއްރުކުރި ފުރަތަމަ ފަހަރެވެ.