ފިނިޕޭޖް

ސްޓޭން ލީ އަށް ޑޮކިއުމެންޓަރީއެއް ހަދަނީ

މާވެލް ސްޓޫޑިއޯ އިން ސްޓޭން ލީ އަށް އަންނަ އަހަރު 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޑޮކިއުމެންޓަރީ އެއް ހަދަނީ އެވެ.

"ސްޓޭން ލީ" ނަމުގައި ހަދާ މި ޑޮކިއުމެންޓަރީ އިއުލާންކުރަން އިންސްތަގްރާމްގައި ކުރި ޕޯސްޓެއްގައި މާވެލްއިން ލިޔެފައިވަނީ 100 އަހަރު ވަންދެން ހުވަފެން ބެލުން، 100 އަހަރުގެ އުފެއްދުން، 100 އަހަރުގެ ސްޓޭން ލީ" އެވެ.

ސްޓޭންލީ ލީބާ ނުވަތަ "ސްޓޭން ލީ" ވަނީ 2018 ގައި އުމުރުން 95 އަހަރުގައި ލޮސް އެންޖަލަސްގެ ސެޑާސް-ސިނާއީ މެޑިކަލް ސެންޓަރުގައި މަރުވެފަ އެވެ.

ސްޓޭން އަކީ އާއިލީ ގުޅުންހުރި ޕަބްލިޝިން ކުންފުންޏެއް ކަމުގައިވާ ޓައިމްލީ ޕަބްލިކޭޝަންސްގައި ދަށުން ފަށާގަނެ، ކޯޕަރޭޓް ލެޑާއިން އަރަމުން ކޮމިކް ބުކް ރައިޓާ، އެޑިޓާ، ޕަބްލިޝާއެއް އަދި ޕްރޮޑިއުސާއެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.

ޓައިމްލީ ޕަބްލިކޭޝަންސް 1961 ގައި މާވެލް ކޮމިކްސްއަށް ބަދަލުވި އެވެ. އަދި ވެރިފަރާތް ބަދަލުވަމުންގޮސް، 2009 ގައި ޑިޒްނީ ކުންފުނިން ވަނީ މާވެލް ގަނެފަ އެވެ.

ސްޓޭން ވަނީ ސުޕާހިރޯ ކޮމިކްސްއަށް އިންގިލާބެއް ގެނެސް، "ފެންޓާސްޓިކް ފޯ" ފަދަ ސުޕާހީރޯ ޓީމް ހަދައި، ކުޑަކުދިންނަށް ވުރެ ބޮޑެތި މީހުންގެ މަގުބޫލުކަން ހޯދާފަ އެވެ.

ސްޓޭން ކޯ-ކްރިއޭޓްކުރި ފާހަގަކޮށްލެވޭ ކެރެކްޓާތަކުގެ ތެރޭގައި ސްޕައިޑާމޭން، ފެންޓާސްޓިކް ފޯ، އަޔަން މޭން، ބްލެކް ޕެންތާ، ހަލްކް، ތޯ، އޭންޓް މޭން، އެކްސް މެން، ނިކް ފިއުރީ، ސިލްވާ ސަފާ ހިމެނެ އެވެ.

ސްޓޭންގެ ކެރިއާގައި މާވެލްގެ އެކި ފިލްމްތަކާއި ޓީވީ ޕްރޮޖެކްޓްތަކުގައި ވަނީ މަސައްކަތްކޮށްފަ އެވެ.