ކުޅިވަރު

ކުޑަކާއްޓެ އާއި އެޑަމް ބީޗް ވޮލީ އިން ރާއްޖެ އަށް ރަން މެޑަލް ހޯދައިދީފި

ބަންގްލަދޭޝްގައި ކުރިއަށް ދިޔަ އޭޝިއަން ސެންޓްރަލް ޒޯން ބީޗްވޮލީ މުބާރާތުގެ ރަން މެޑަލް ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ އިން ހޯދައިފި އެވެ.

މިއީ ވޮލީ ބޯޅައިގެ ތާރީހުގައި ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑަލް އެވެ. ބޮޑު ކާމިޔާބީއާ އެކު ކުޑަކާއްޓެ އާއި އެޑަމް މިވަނީ ތާރީހުން ޖާގަ ހޯދާފަ އެވެ.

ރާއްޖޭގެ ޕެއާ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ. ފައިނަލުގެ ޖާގައެއް އިއްޔެ ކަށަވަރުކުރީ މުބާރާތް ބާއްވާ ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއަދު ހެނދުނު ކުޅުނު ފައިނަލުގައި ރާއްޖެ ނުކުތީ ނޭޕާލްގެ އެއްވަނަ ޕެއާއާ ދެކޮޅަށެވެ.

މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބަހާދުރު ސުނާރުއާއާ ދެކޮޅަށް ކުޅުނު މެޗު ދިވެހި ޕެއާ ގެންދިޔައީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު ލީޑުގައި އޮވެ ރާއްޖޭގެ ޓީމުން ގެންދިޔައީ 21-13 އިންނެވެ. އެކަމަކު ދެވަނަ ސެޓުގައި ނޭޕާލުގެ ޕެއާ ރާއްޖެ އަށް ޕްރެޝަރުކުރި އެވެ. މި ސެޓުގެ ކުރީކޮޅު ނޭޕާލުން ލީޑު ނެގިނަމަވެސް ރާއްޖޭގެ ޕެއާ އިން ވަނީ ފަހަތުން އަރައި އެއްވަރުކޮށް ފަހުން ލީޑު ނަގައިފަ އެވެ. މި ސެޓުގެ ފަހުކޮޅު ރާއްޖެ ވަނީ ލީޑުގައި ދަމަހައްޓައި ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.

ސެންޓްރަލް ޒޯންގައި ހަ ގައުމު ވާދަކުރި އެވެ. އެއީ ރާއްޖެ އާއި ނޭޕާލްގެ އިތުރުން ބަންގްލަދޭޝް، ކިރްގިސްތާން، ޕާކިސްތާން އަދި ބޫޓާން އެވެ. ހަ ގައުމުން އަށް ޕެއާ މުބާރާތުގައި ކުޅުނެވެ. ރާއްޖޭން ދެން ވާދަކުރީ އަހުމަދު މުހައްމަދު (ކޯކޭ) އާއި ޝަމާއިލް ހުސައިންގެ ޕެއާ އެވެ. މި ދެކުޅުންތެރިންނަށް ސެމީ ފައިނަލުގެ ފުރުސަތު ނުލިބި ކެޓީ އެވެ.

ތާރީހީ ރަން މެޑަލް ރާއްޖޭން ހޯދިއިރު ކޯޗަކީ ބްރެޒިލަށް އުފަން ވިނީޝިއަސް އެވެ. ޓީމުގެ އެސިސްޓެންޓް ކޯޗަކީ އަހުމަދު އަނިލް ނަސީރު އެވެ. ޓީމުގެ މެނޭޖަރަކީ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ.

މުބާރާތަށް ފުރިއިރު ރާއްޖޭގެ އަމާޒަކީ މެޑަލް ހޯދުމެވެ. އެކަމަކު މެޗަކަށް ފަހު މެޗެއް ކާމިޔާބު ކުރަމުން ގޮސް ފައިނަލާ ހަމައިން ރާއްޖޭން އަމާޒުހިފީ ރަން މެޑަލް ހޯދުމަށެވެ.