ބީބީސީގެ "ލޫތާ" ސީރީޒަކީ ކާމިޔާބު ސައިކޮލޮޖިކަލް ކްރައިމް ތްރިލާ އެކެވެ.
ފަސް ސީޒަނަށް ގެނެސްދިން މި ސީރީޒްގެ މެއިން ލީޑަކީ އިދުރިސް އެލްބާ އެވެ.
އިދުރިސް މީގައި އަދާކުރަނީ ޑިޓެކްޓިވް ޗީފް އިންސްޕެކްޓާ ޖޯން ލޫތާގެ ރޯލެވެ.
މި ސީރީޒްގެ އެންމެ ފަހު ސީޒަން ދައްކާފައިވަނީ 2019 ވަނަ އަހަރު އެވެ.
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މި ސީރީޒްގެ ފިލްމްގެ ޕްރޮޑަކްޝަން އެބަ ކުރިއަށްދެ އެވެ. މި ފިލްމަށް ކިޔަނީ "ލޫތާ: ދަ ފޯލަން ސަން" އެވެ.
"ލޫތާ" ސީރީޒް އުފައްދާފައިވަނީ އެލެކްސް ކްރޮސް އެވެ. އަދި މި ސީރީޒްގެ ފިލްމްގެ ސްކްރިޕްޓްވެސް އެލެކްސް ލިޔާއިރު، ޑައިރެކްޓްކުރާނީ ޖޭމީ ޕޭން އެވެ. މި ފިލްމްގެ ޕްރޮޑަކްޝަން މަސައްކަތްތައް ނެޓްފްލިކްސް އިން ކުރިއަށްގެންދަނީ ބީބީސީއާ ގުޅިގެންނެވެ.
މި ފިލްމްގެ ޕްލޮޓަކީ ސީރީޒްގެ ކޮންޓިނިއުއޭޝަން އެކެވެ. ވަރަށް އަނިޔާވެރި ކިލާއެއް ލަންޑަން ޓެރަރައިޒް ކުރަމުންދާއިރު، ވަރަށް މޮޅު އެކަމަކު ބަދުނާމްވެފައިވާ ޑީސީއައި ލޫތާ ވަނީ ޖަލުގައި ބަންދުކުރެވިފަ އެވެ. އެ ސައިބާ ސައިކޮޕެއް އަތުލައިގަތުމަށް ނާކާމިޔާބުވުމަކީ ލޫތާގެ ހަނދާނުން ނުފިލާ ކަމެކެވެ. ކޮންމެ ގޮތަކުންވެސް އެ ކިލާ އަތުލައިގަތުމަށްޓަކައި ލޫތާ ޖަލުން ފިލަ އެވެ.
މި ފިލްމުގައި އިދުރިސްގެ އިތުރުން ސިންތިއާ އެރީވޯ، އެންޑީ ސަކިސް އަދި ޑާމަޓް ކްރައުލީ ހިމެނެ އެވެ.
"ލޫތާ: ދަ ފޯލަން ސަން" ރިލީޒްކުރާނީ މާޗް 2023 ގައެވެ.