ބޮލީވުޑްގެ ޒުވާން ޖޯޑު ކިއާރާ އަދުވާނީ އާއި ސިދާރްތު މަލްހޯތުރާގެ ކައިވެނީގެ ވާހަކަތައް ފެތުރޭތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ކައިވެނީގެ ވާހަކަތަކަށް މި ދެ ތަރިން ކަނޑައެޅިގެން އިންކާރު ކުރަމުން ދިޔަ ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އަންނަ ފެބްރުއަރީ ހަތަރެއްގައި މި ކައިވެނީގެ ރަސްމިއްޔާތުތައް ފަށަން ދަނީ ތައްޔާރު ވަމުންނެވެ. އަދި ފަސް ވަނަ ދުވަހު ވެސް ބައެއް ރަސްމިއްޔާތުތައް ކުރިޔަށް ގެންގޮސް ކައިވެނި ކުރާނީ ފެބްރުއަރީ ހަ ވަނަ ދުވަހު ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.
"ޝޭރްޝާހް"ގައި ލީޑް ރޯލު ކުޅުނު މި ދެ ތަރިންގެ ކައިވެނި ބާއްވަން ހަމަޖެހިފައިވަނީ އިންޑިޔާގެ ރާޖަސްތާންގެ ޖައިސަލްމާރް ޕެލަސް ހޮޓެލްގައި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އީޓައިމްސް އާ ވާހަކަ ދައްކަމުން މި ދެ ތަރިންގެ ގާތް މީހަކު ބުނީ ފެބްރުއަރީ ހަތަރެގައި އޮންނާނީ މެހެދީ (ހީނާފަތްއެޅުން) ކަމަށެވެ. އަދި އޭގެ ފަހުން ސަންގީތު (ލަވަޔާއި ނެށުމުގެ ހަފްލާއެއް) ކުރިއަށް ގެންގޮސް ފެބްރުއަރީ ހަވަނަ ދުވަހު ކައިވެނީގެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ.
ކައިވެނީގެ ވާހަކަތައް ފެތުރެމުންދާއިރު ކިއާރާ އާއި ސިދާރްތުގެ ޓީމުން މި ވާހަކަތަކަކީ ހަގީގަތެއް ކަމަކަށް އެއްބަހެއް ނުވެ އެވެ. އަދި އެ ވާހަކަތަކަށް އިންކާރެއް ވެސް ނުކުރެ އެވެ.
ނަމަވެސް ދާދިފަހުން ރޭޑިއޯ ފީވާ އެފްއެމްގެ އާރްޖޭ ސުޕްރިޔާ ކުރި ސުވާލަކަށް ޖަވާބު ދެމުން 2023ގައި ކައިވެނި ކުރާނެ ކަމަށް ސިދާރްތު ބުނެފައި ވެއެވެ.
ފިލްމީ ރޮނގުން ބަލާއިރު ސިދާރްތު މިހާރު މަސައްކަތް ކުރަމުންދަނީ "މިޝަން މަޖްނޫ"ކިޔާ ފިލްމެއްގަ އެވެ. މި ފިލްމުގެ ބަތަލާއަކީ ސައުތު އިންޑިއާގައި ވަރަށް މަޝްހޫރު ތަރިއެއް ކަމަށްވާ ރަޝްމިކާ މަންދާނާ އެވެ. ކިއާރާގެ "ގޯވިންދާ ނާމް މެރާ" ދާދިފަހުން ވަނީ ރިލީޒްކޮށްފަ އެވެ. ވިކީ ކޯޝަލް އާއި ބޫމީ ޕެޑްނޭކަރް އާއެކު އޭނާ ކުޅުނު މި ފިލްމަށް މާ ރަނގަޅު ތަރުހީބެއް ލިބިފައެއް ނުވެ އެވެ. ކިއާރާ މިހާރު ކުޅެމުންދާ ފިލްމުތަކުގެ ތެރޭގައި "ސަތުޔަޕްރޭމް ކީ ކަހާނީ" އާއި "އާރްސީ15" ހިމެނެ އެވެ.