ހުޅުމާލެ

ހުޅުމާލޭގެ ސަރުކާރު އޮފީސް އިމާރާތް މިމަހު 15ގައި ހުޅުވަނީ

Jan 2, 2023

ހުޅުމާލޭގައި ހަދާފައިވާ ސަރުކާރުގެ އޮފީސް އިމާރާތަށް އޮފީސްތައް ބަދަލުކޮށް މިމަހުގެ 15 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

މީގެކުރިން ވެސް މި އިމާރާތް ހުޅުވުމަށް ސަރުކާރުން އެކި ތާރީހުތައް ދީފައިވެ އެވެ. އެގޮތުން ނިމިގެން ދިޔަ އަހަރުގެ ފަހުކޮޅު އަދި މިފެށުނު އާ އަހަރުގެ އެންމެ ފުރަތަމަ ދުވަހުވެސް މި އިމާރާތް ބޭނުންކުރަން ފެށޭނެ ކަމުގައި ކުރިން ބުނެފައިވެ އެވެ. ސަރުކާރުގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި މިހާރުގެ އަމާޒަކީ މިމަހުގެ 15 ވަނަ ދުވަހު މި އޮފީސް އިމާރާތް ހުޅުވުމެވެ.

"އޮފީސް އިމާރާތް ހުޅުވުމަށްޓަކައި ސަރުކާރުގެ ބައެއް އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ހިނގަމުން އެބަދޭ. ދެން މާގިނަ ދުވަހެއް ނުވެ އިމާރާތް ބޭނުންކުރަން ފެށޭނެ،" އޮފިޝަލް ވިދާޅުވި އެެވެ.

ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް އެޅުމަށް ނިންމީ ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 2019 ވަނަ އަހަރު ނިންމެވުމާ ގުޅިގެންނެވެ.

މި އިމާރާތް ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެކުރިން މައުލޫމާތު ދީފައިވެ އެެވެ.

ހުޅުމާލޭގެ އޮފީސް އިމާރާތް ބެހިފައިވާ ގޮތް:

  • ގުރައުންޑް އަދި ފުރަތަމަ ފަންގިފިލާ - ޕާކިން އަށް ހާއްސަ
  • ދެވަނަ ފަންގިފިލާ - ޖެންޑާ މިނިސްޓްރީ
  • ތިންވަނަ ފަންގިފިލާ - ޓްރާންސްޕޯޓް މިނިސްޓްރީ
  • ހަތަރުވަނަ ފަންގިފިލާ - އެމެރިކާ އެމްބަސީ
  • ފަސްވަނަ ފަންގިފިލާ - ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
  • ހަވަނަ ފަންގިފިލާ - މީޓިން ރޫމާއި ސެމިނާ ރޫމް އަދި ޓެރަސް

މާލޭގައި ސަރުކާރުގެ އޮފީސްތައް ހިންގަން އަމިއްލަ އިމާރާތްތަކެއް ހޯދަންޖެހުނީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން ގެންދިޔަ ހުރަވީ ބިލްޑިން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ގުޅޭ ފަންނީ ބޭފުޅުން ލަފާ ދިނުމާ ގުޅިގެން އެ އިމާރާތް ހުސްކުރުމުންނެވެ.