ފިނިޕޭޖް

ޖެރެމީ ރެނާ ސާޖަރީއަކަށްފަހު ކްރިޓިކަލް ހާލަތުގައި

އާ އާހަރުގެ ފުރަތަމަ ދުވަހަކީ ގިނަ މީހުން އުފާފާޅުކުރަމުން ދިޔަ ދުވަހެކެވެ. އެހެނަސް ޖެރެމީ ރެނާގެ ތަޖުރިބާ ތަފާތެވެ.

މާވެލްގެ ސިނަމެޓިކް ޔުނިވާސްގައި "ހޯކްއައި"ގެ ރޯލް ކުޅެމުން އަންނަ ޖެރެމީ ރެނާ، ނެވާޑާގެ ރީނޯ ކައިރި ސްނޯ ޕްލޯކުރުމުގެ ތެރޭގައި މޫސުމް ގޯސްވުމުގެ ސަބަބުން އެކްސިޑެންޓްވެ، އަނިޔާވުމުގެ ސަބަބުން، އިއްޔެ ސާޖަރީއެއް ހަދާފައިވާ ކަމަށް ޖެރެމީގެ ޕަބްލިސިސްޓް ދަ ހޮލީވުޑް ރިޕޯޓާއަށް ކަށަވަރުކޮށްދިނެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ހަމައެކަނި ޖެރެމީ އަށެވެ.

ޖެރެމީ އަށް ލިބުނު އަނިޔާތަކުގެ ތެރޭގައި "ބްލަންޓް ޗެސްޓް ޓްރޯމާ" އާއި ކަށީގެ އަނިޔާތައް ހިމެނެ އެވެ.

ސާޖަރީއަށްފަހު ޖެރެމީ ވަނީ ސްޓޭބަލް ކަމަށާއި ނަމަވެސް ހާލަތަކީ އަދިވެސް ކްރިޓިކަލް ހާލަތެއް ކަމަށް ޕަބްލިސިސްޓް ބުންޏެވެ.

ޖެރެމީގެ އާއިލާއިން ވަނީ ޖެރެމީއަށް ފަރުވާދެމުންދާ ޑޮކްޓަރުންނަށާއި ނަރުހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި ފޭނުންގެ ފަރާތުން ލިބެމުންދާ ލޯތްބާއި ސަޕޯޓް ވަޒަންކުރާ ކަމަށް ބުނެފަ އެވެ.

ޖެރެމީ އަކީ ހޮލީވުޑްގެ ހުނަރުވެރި، އަދި މަތީ ފަންތީގައި ވިދަމުން އަންނަ ތަރިއެކެވެ. އޭނާއަށް "ހަޓް ލޮކާ" އަށާއި "ދަ ޓައުން" އަށް އޮސްކާ ނޮމިނޭޝަން ލިބިފައިވާއިރު "އެމެރިކަން ހަސަލް" އަށް ވަނީ ސްކްރީން އެކްޓާސް ގިލްޑް އެވޯޑާއި ކްރިޓިކްސް ޗޮއިސް އެވޯޑް ލިބިފަ އެވެ.

ޖެރެމީގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "އެވެންޖަސް" އަދި މާވެލް ސިނަމެޓިކް ޔުނިވާސްގެ ގުޅުންހުރި ފިލްމްތައް، "މިޝަން އިމްޕޮސިބަލް"ގެ ގޯސްޓް ޕްރޮޓޮކޯލް އާއި ރޯގް ނޭޝަން، "ހެންސަލް އެންޑް ގްރޭޓެލް: ދަ ވިޗް ހަންޓާސް"، "ދަ ބޯން ލެގަސީ" އާއި "ކިލް ދަ މެސެންޖަ" ހިމެނެ އެވެ.