ޖޭއެސްސީ

ފަނޑިޔާރުންނާ ގުޅޭ 393 ޝަކުވާއެއް މިދިޔަ އަހަރު ޖޭއެސްސީއަށް

ފަނޑިޔާރުންނާ ގުޅޭ 393 ޝަކުވާއެއް މިދިޔަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި 37 ޝަކުވާއެއް ބަލައިގަނެ ބަލަމުންދާއިރު 15 ފަނޑިޔާރަކާއި ގުޅޭ 19 މައްސަލައެއް އެ އިދާރާއިން ވަނީ ތަހުގީގަށް ފޮނުވާފަ އެވެ.

މިގޮތުން މިދިޔަ އަހަރު ޖޭއެސްސީ އިން ވަނީ ޖުމުލަ 70 މައްސަލައެއް ތަހުގީގުކޮށް ނިންމާފަ އެވެ. މީގެތެރޭގައި މިދިޔަ އަހަރު ތަހުގީގަށް ހުށަހެޅި 15 މައްސަލައަކާއި ކުރީ އަހަރުތަކުގެ 55 މައްސަލައެއް ހިމެނެ އެވެ.

ފަނޑިޔާރުންގެ 46 މައްސަލައެއް ޖޭއެސްސީ އިން މިދިޔަ އަހަރު ބަލައި ނިންމިއިރު 24 މައްސަލައެއް ވަނީ ސާބިތުވެފަ އެވެ.

ފަނޑިޔާރުންނަށް އެޅުނު ފިޔަވަޅުތައް:

  • މަގާމުން ވަކި ކުރުމަށް 4 ފަނޑިޔާރެއްގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުނު
  • 9 ފަނޑިޔާރަކަށް ނަސޭހަތްދީ ތަމްރީނު ދެވުނު
  • 3 ފަނޑިޔާރުން ސަސްޕެންޑް ކުރެވުނު

މިވަގުތު ރާއްޖެގެ އެކި ހިސާބުތަކުގައި ޖުމްލަ 170 ފަނޑިޔާރުން ތިބިއިރު މިދިޔަ އަހަރު ވަނީ 11 ބޭފުޅަކު ފަނޑިޔާރަކު ކަމަށް އައްޔަންކޮށްފަ އެވެ. މީގެ ތެރޭގައި ހައި ކޯޓަށް އައްޔަނު ކުރި ތިން ފަނޑިޔާރެއް އަދި ސުޕީރިއާ ކޯޓުތަކަށް އައްޔަކު ކުރި ދެ ފަނޑިޔާރަކާއި މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަނުކުރި ހަ ފަނޑިޔާރެއް ހިމެނެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި 12 ފަނޑިޔާރުން ރިޓަޔާކޮށްފައިވާއިރު ހަ ފަނޑިޔާރެއް ވަނީ އަމިއްލައަށް މަގާމުން ވަކިވެވަޑައިގެންފަ އެވެ. އަދި އެއް ފަނޑިޔާރަކު ޝަރަފުވެރިކަމާއިއެކު މަގާމުން ވަކިވެވަޑައިގަނެފައިވާއިރު، އެއް ފަނޑިޔާރެއް ވަނީ މަގާމުން ވަކި ކޮށްފަ އެވެ.