ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ، އަލްއުސްތާޒު ހުސައިން ޝަހީދު މިއަދު އައްޔަނުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޝަހީދުއަށް ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.
ޝަހީދު، ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރައްވައި ެއކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ޝަހީދު ހުންނަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސައިން ޝަހީދު އައްޔަންކުރައްވާފައިވަނީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހު އެވެ.
ޝަހީދުގެ ތައާރަފް
ހުސައިން ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ފަނޑިޔާރު ޝަހީދު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމާއި ސްޓޭޓް އެޓާނީއެއްގެ މަގާމުވެސް ފުރުއްވާފަ އެވެ.
ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގައެވެ. އޭނާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވީ އޮކްޓޫބަރު 30، 2023 ގައެވެ.