ދުވާފަރު

ދުވާފަރު ދެ ކައުންސިލަރަކު އަލުން އޮފީހަށް!

Jan 3, 2023

ރ. ދުވާފަރު ދެ ކައުންސިލަރެއްގެ ސަސްޕެންޝަން ހަމަވުމާ ގުޅިގެން އެ ދެ ކައުންސިލަރުން އަލުން ވަޒީފާއަށް ނިކުމެއްޖެ އެވެ.

ދުވާފަރު ކައުންސިލް އިދާރާ އިން އަވަސް އަށް ވަނީ މިކަން ޔަގީންކޮށްދީފަ އެވެ. ވަޒީފާ އަށް އަލުން ނިކުންނަވަން ފެއްޓެވީ ކައުންސިލަރު އައިމިނަތު ސޮލާހް އާއި މަރިޔަމް ޔަޝްފާ އެވެ. މި ދެ ބޭފުޅުން ވަޒީފާ އަށް އަލުން ނިކުންނަވަން ފެއްޓެވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

ދުވާފަރުގެ ހުރިހާ ކައުންސިލަރުން (ޖުމްލަ ހަތް ކައުންސިލަރުން) ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުން ނިންމީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ދުވާފަރު ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރީ ކައުންސިލަރުންނާއި ދުވާފަރު ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކަކާ ގުޅިގެންނެވެ.

އެލްޖީއޭގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ކައުންސިލަރުންނަށް ޖިނާއީ ބޮޑު ތުހުމަތެއް ކުރެވުނު ނަމަވެސް އެމީހުން މަގާމުން ވަކިކުރުމުގެ ބާރު އެލްޖީއޭ އަށް ލިބިގެން ނުވާ ކަމަށެވެ.

"އެލްޖީއޭ އަށް މި އޮންނަނީ އިދާރީ ފިޔަވަޅެއްގެ ގޮތުގައި ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު. ދުވާފަރުގެ ދެ ކައުންސިލަރަކު އަލުން ވަޒީފާއަށް ނިކުތީ ސަސްޕެންޝަން ހަމަވުމުން،" އޭނާ ވިދާޅުވި އެވެ.

ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން އޭސީސީގެ ހާއްސަ ތަހުގީގު ޓީމެއް ވަނީ ދުވާފަރަށް ގޮސްފަ އެެވެ. އޭސީސީގެ ތަހުގީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު އެ މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް އުސޫލުތަކާއި ހިލާފަށް ހިންގާފައިވާކަން ފާހަގަކުރެވުނު ކަމަށް ކޮމިޝަނުން ބުނެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 25 އިން ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހަށް އޭސީސީގެ ތަހުގީގު ޓީމު ދުވާފަރުގައި ތަހުގީގު ހިންގުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މައްސަލައިގެ ތަހުގީގު ވަނީ ނިންމާފަ އެވެ. އަދި ކައުންސިލަރުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ވަނީ މައްސަލަ ފޮނުވާފަ އެވެ. ދުވާފަރު ކައުންސިލްގެ ހިޔާނާތާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް ވެސް ސަސްޕެންޑް ކޮށްފަ އެވެ.

ދުވާފަރު ކައުންސިލްގެ ދެ މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ފެންމަތި ކުރީ ދުވާފަރު ކައުންސިލުން ހަރަދުކުރުމުގައި އަމަލުކުރި ގޮތް ބެލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ [އެލްޖީއޭ] އިން ކުރި މަސައްކަތްތަކަކަށްފަހު އެކުލަވާލި ހާއްސަ މޮނީޓަރިން ރިޕޯޓެއްގަ އެވެ.

މި ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ހިންގާފައިވެ އެވެ. އަދި އެ ފައިސާ ބައެއް ކައުންސިލަރުންނާއި ބައެއް މުވައްޒަފުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވެ އެވެ. މީގެތެރޭގައި ޒަކާތު ފައިސާގެ ގޮތުގައި ބަހަންޖެހޭ ހަތަރު ލައްކައެއްހާ ރުފިޔާ ވެސް ހިމެނެ އެވެ. އެކަމަކު ޒަކާތު ފައިސާ ލިބެންޖެހޭ ދުވާފަރުގެ ރައްޔިތުންނަށް އެ ފައިސާ ބަރާބަރަށް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އެލްޖީއޭގެ ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލަރުންނާއި މާލީ ހިސާބުތައް ބެލެހެއްޓުމާ ގުޅޭ މުވައްޒަފުން ވަނީ ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފަ އެވެ. އަދި މާލީ ހަރަދުތަކުގެ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭ ގޮތަށް އެކަންވެސް ކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ހިިޔާނާތުގެ މައްސަލަ ފެންމަތިވުމުން ދުވާފަރު ކައުންސިލަރުން ސޮއިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލްޖީއޭގެ ރިޕޯޓް ނެރުނީ ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދިފައި ވަނިކޮށް ޖަވާބުދާރީ ވުމަށް އެ ފުރުސަތު ނުދީ ކަމަށެވެ. އެހެންކަމުން އެލްޖީއޭގެ ރިޕޯޓަކީ ހަގީގަތް އޮޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.