ފިނިޕޭޖް

ރެޕާ ގޭންގްސްޓާ މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު ރެޕާ، ގޭންގްސްޓާ ބޫ މަރުވެއްޖެ އެވެ.

ގޭންގްސްޓާ ބޫ އަކީ ކުރީގެ ހިޕްހޮޕް ގްރޫޕް ތްރީ 6 މާފިއާގެ މެންބަރެކެވެ. އޭނާ މަރުވިއިރު އުމުރަކީ 43 އަހަރެވެ.

ލޯލާ މިޗެލްގެ ގޮތުގައި އުފަންވި ގޭންގްސްޓާ މަރުވެފައި އޮއްވާ ފެނުނީ މެމްފިސްގައި ހުރި ގެއަކުންނެވެ. އޭނާގެ މަރުގެ ސަބަބު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ގޭންގްސްޓާގެ މަރުގެ ހަބަރާ ގުޅިގެން ތްރީ 6 މާފިއާގެ ޑީޖޭ ޕޯލް ވަނީ ގޭންގްސްޓާގެ ކެޕްޝަނެއް ނެތް ފޮޓޯއެއް ޝެއާކޮށްފަ އެވެ. އަދި އެ ގްރޫޕްގެ ޖޫސީ ޖޭ ވަނީ ގޭންގްސްޓާއާ އެކު ނަގާފައިވާ ފޮޓޯއެއް، ހަލާކުވެފައިވާ ހިތުގެ އިމޯޖީއާ އެކު ޝެއާކޮށްފަ އެވެ. އެ ޕޯސްޓަށް ލިލް ޖޮން މީގެ ތިން ހަފްތާ ކުރިން ދިމާވި ކަމަށާއި "ރެސްޓް ވެލް ކުއެން" ލިޔެފައިވެ އެވެ.

މި ޕޯސްޓްތަކަށް އެހެން ހިޕްހޮޕް އަދި ރެޕާސް ކޮމެންޓްކޮށްފައިވެ އެވެ.

އާ އަހަރު ފެށުނު ދުވަހު ގޭންގްސްޓާ ވަނީ 2022 ގައި އޭނާ ކޮށްފައިވާ ބައެއް ކަންތައްތަކުގެ ވީޑިއޯއެއް ހިއްސާކޮށް، އާ އަހަރުގެ ތަހުނިޔާ އެންމެނަށް ފޮނުވާފަ އެވެ.

ގޭންގްސްޓާ ވަނީ އޭނާގެ ގްރޫޕާ އެކު އަދި ސޯލޯކޮށް އެތައް ލަވައަކާއި އަލްބަމެއް ނެރެފަ އެވެ.