ބޭރު ކުޅިވަރު

ލަލާނާ، ކޯޗު ކްލޮޕްގެ އައިނު ހަލާކުކޮށްލައިފި

ދެ ޓީމު 4-4އިން އެއްވަރުވެގެން މެޗު ނިމިނިމިއޮއްވައި ނޯވިޗް ސިޓީ ލަނޑު ޖަހާފައި އުފާފާޅު ކުރަން އުޅުމުގެ ތެރޭގައި ލިވަޕޫލްގެ އާދަމް ލަލާނާ އެ ޓީމުގެ ކޮޗު ޖާގަން ކްލޮޕްގެ އައިނު ހަލާކުކޮށްލައިފި އެވެ.

މެޗުގެ ފަހު ސިކުންތުކޮޅުގައި ލަނޑު ޖަހާފައި ލަލާނާ ދުއްވައިގަތުމުން އޭނާއާއެކު އުފާފާޅު ކުރަން އެންމެ ފުރަތަމަ ގާތްވެލީ ޑިފެންޑަރު ކޯލޯ ޓޯރޭ އާއި ކޯޗު ކްލޮޕް އެވެ. އަދި އެހެން ކުޅުންތެރިންނާއެކު ބޮނޑިވެގަތްވަގުތު އައިނު ހަލާކުވި ނަމަވެސް ޓީމު މޮޅުވުމުން ކްލޮޕް ހުރީ އުފާވެފަ އެވެ.

އޭނާ ބުނީ މީގެ ކުރިން ވެސް އައިނު ހަލާކުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށާއި ނަމަވެސް އެކަމާ ފަރުވާލެއް ނެތް ކަމަށެވެ.

"އަހަރެން ދެ އައިނު ގެންގުޅެން. އެކަމަކު އެ ނުފެނުނު. އައިނު ނެތި އަނެއް އައިނު ހޯދުމަކީ ފަސޭހަކަމެއްނޫން. (ބޮރޫޝިޔާ ޑޯޓްމުންޑްގައި އަހަރެންހުރި އިރު) އަހަރުމެން ބަޔާން މިއުނިކް އަތުން އެންމެ ފުރަތަމަ މޮޅުވި ދުވަހު ނޫރީ ސާހިން އަހަރެންގެ އައިނު ހަލާކުކޮށްލި. މިއަދު އެކަން މިކުރީ އާދަމް ލަލާނާ،" ކޯޗު ބުންޏެވެ.

މި މެޗުގައި ލިވަޕޫލް ވަނީ ދެ ފަހަރެއްގެ މަތީން ލީޑް ނަގާފަ އެވެ. ރޮބާޓޯ ފިރިމީނޯ 19 ވަނަ މިނިޓްގައި ލަނޑު ޖަހާފައި އޮއްވައި ފަހަތުން އަރައި ނޯވިޗް ތިން ލަނޑު 3-1 އަށް ނަތީޖާ ބަދަލުކުރި އެވެ. އެއީ އެމްބޯކަނީ އާއި ސްޓިވް ނައިސްމިތް އަދި ޕެނަލްޓީއަކުން ވެސްލީ ޖެހި ގޯލުތަކުންނެވެ. އެކަމަކު ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ފިރިމީނޯ އަދި ޖޭމްސް މިލްނާގެ ލަނޑުން 4-3އިން ލިވަޕޫލް ކުރި ހޯދާފައިވަނިކޮށް މެޗުގެ ފަހު މިނިޓްގައި ނަތީޖާ ހަމަހަމަވީ ސެބަސްޓިއަން ބަސޮންގް ޖެހި ލަނޑުންނެވެ.

އެކަމަކު ލަލާނާ ޖެހި ލަނޑުން މޮޅުވުމުން ލިވަޕޫލް ވަނީ 34 ޕޮއިންޓާއެކު ހަތް ވަނަ އަށް ކުރި ޖެހިލައިފަ އެވެ. ނަމަވެސް ކްލޮޕް ބުނީ ޑިފެންސް ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

"ހަތަރު ގޯލު ބައިކޮޅަށް ވަނުމަކީ ޖުމުލަކޮށް ބަލާއިރު ރަނގަޅެއްނޫން. އަހަރުމެން އެބަޖެހޭ ސެޓްޕްލޭތަކުގައި ރަނގަޅަށް ޑިފެންސްކުރަން. ކުރިން ގޯލު ޖަހާފައިހުރީ ކޯނަރުތަކުން. މިއަދު އެކަން މިކުރީ ލިބިފައި އޮންނަ ބޯޅަ ގެއްލިގެން. އެހެން ޓީމުތަކަށް ވަރަށް ފަސޭހަކަމަކަށްވޭ އަހަރުމެން ކޮޅަށް ގޯލު ޖަހަން ސެޓްޕްލޭގައި. މިކަން ރަނގަޅު ކުރަންޖެހޭ،" ކޯޗު ބުންޏެވެ.

މެޗުގެ ނަތީޖާއާ މެދު ނޯވިޗްގެ ކޯޗު އެލެކްސް ނީލް ވެސް ހިތްހަމަނުޖެހެ އެވެ.

"ހަމަ ޔަގީން. އަހަރެން ހިތްހަމަނުޖެހޭ. އަހަރުމެންގެ އަތުގައި ގޭމް އޮތް 3-1އގެ ނަތީޖާއިން. އެކަމަކު އޭގެ ފަހުން އަހަރުމެންގެ ކުޅުން ވަރަށް ބޮޑަށް ހަލާކުވެގެންދިޔަ،" ކޯޗު ބުންޏެވެ.

ނޯވިޗް އޮތީ 23 ޕޮއިންޓާއެކު ޓޭބަލުގެ 16 ވަނާގަ އެވެ.