ފިނިޕޭޖް

ޖޮނީ ޑެޕް ކިންގް ލުއީގެ ގޮތުގައި

ޖޮނީ ޑެޕްގެ ދެން އެންމެ އަވަހަށް ނިކުންނަ ފިލްމުގައި ފެންނަނީ މުޅިން ޝާހީ ވެފައި ހުއްޓައެވެ.

ފްރާންސްގެ ރައިޓާ، ޑައިރެކްޓާ އަދި އެކްޓްރެސް މައިވާންގެ "ޖޮން ޑޫ ބަރީ" ގައި 59 އަހަރުގެ ޖޮނީ ޑެޕް އަދާކުރަނީ ފްރާންސްގެ ކިންގް ލުއީ 15 ގެ ރޯލެވެ. ކިންގް ލުއީ 15ގެ ލޯބިވެރިޔާ ޖޮން ޑޫ ބަރީގެ ރޯލު އަދާކުރަނީ 46 އަހަރުގެ މައިވާން އެވެ. މި ފިލްމަށް "ލާ ފޭވަރިޓް" ވެސް ކިޔައެވެ.

މި ފިލްމްގެ ފަސްޓް ލުކްގައި ފެންނަނީ ޖޮނީ ވިގެއް ޖަހައި، ފްރާންސްގެ ކުރީގެ ރަސްކަލުން ތުރުކުރެއްވި ފަދަ ޝާހީ ހެދުމެއް ލައިގެން ހުންނަ ތަނެވެ.

މި ފިލްމްގެ 11-ހަފްތާގެ ޝޫޓިންގައި ޕެލެސް އޮފް ވަސޭ އާއި އެހެނިހެން ތާރީހީ މަޝްހޫރު ތަންތަނުގައި ޝޫޓްކޮށްފައިވެ އެވެ. މި ފިލްމްގެ ޝޫޓިން ނިންމާފައިވަނީ މިދިޔަ އޮކްޓޯބަރުގެ މެދުތެރޭގަ އެވެ.

"ޖޮން ޑޫ ބަރީ" ބިނާކޮށްފައިވަނީ ތާރީހީ ހަގީގީ ވާހަކައަކަށެވެ. މި ބަޔޮގްރަފިކަލް ފިލްމްގައި ފެންނާނީ ފްރާންސްގެ ކިންގް ލުއީ 15 ގެ އެންމެ ފަހުގެ މިސްޓްރަސް ޖޮން ޑޫ ބަރީ، ފަގީރު ހާލަތުގައި އުފަންވި ނަމަވެސް، އޭނާގެ ރީތިކަމާއި ތޫނު ވިސްނުމާއި އުކުޅުތައް ބޭނުންކޮށްގެން މަތީ ފަންތީގެ މީހުންގެ ދަރަޖައަށް ފޯރާ ގޮތެވެ. އޭނާ ފަހުން ވަނީ ކިންގް ލުއީގެ އެންމެ މަގްބޫލު މިސްޓްރަސްއަށް ވެފަ އެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ބެންޖަމިން ލަވޭން، ޕިއޭރް ރިޗަޑް، މެލްވިލް ޕޫޕޫ، ނޮއޭމީ ލޮވޯފްސްކީ، ޕަސްކަލް ގްރެގަރީ އަދި ލުއީ ގެރެލް ހިމެނެ އެވެ.

މި ފިލްމު 2023 ގައި ތިއެޓަރުތަކަށް ރިލީޒްކުރާތާ 15 މަސްފަހުން ނެޓްފްލިކްސްގައި ރިލީޒްކުރާނެ އެވެ.