އަބްދުއްރަހީމް އަބްދުﷲ

ރައީސް ސޯލިހް ނަން ނެގުމަށް އަދުރޭ ގޮވާލައްވައިފި

Jan 4, 2023
1

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި އެއްވެ އަޑުއުފުލަމުން ދަނިކޮށް އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ހުންނަ އެމްޑީޕީގެ މައި ހަރުގެއަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑިޕީގެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް އެވެ. އެވަގުތަކީ އާޓިފިޝަލް ބީޗްގައި އިދިިކޮޅު ކޯލިޝަނުން ވެސް އެއްވުމެއް ބާއްވަމުން ދިޔަ ވަގުތެވެ.

އެމްޑީޕީގެ ހަރުގެއަށް ވަޑައިގެން ރައީސް ސޯލިހް ވާހަކަދައްކަވަން ފެއްޓެވުމާ އެކު އިދިކޮޅު ކޯލިޝަން ހިންގެވުމުގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ވަގުތުން ވާހަކަދައްކަވަން ފައްޓަވާފަ އެވެ.

އަދުރޭ ވާހަކަދައްކަވަން ފެއްޓެވީ ވެސް ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އަދުރޭ ވިދާޅުވީ ރައީސް ސޯލިހަކީ ގައުމަށް ޣައްދާރުވެފައިވާ ހިޔާނާތްތެރިއެއް ކަމަށެވެ.

"މިއީ ދިވެހި ރައްޔިތުން ރައީސް ސޯލިހާ މެދު ދެކޭ ގޮތް އިނގޭތޯ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހަށް 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އެތައް ކަމެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެން ކަމަށެވެ. ނަމަވެސް ރައީސް ސޯލިހަށް ތަންދޮރު އެނގިވަޑައިނުގަންވާތީ ވައުދުތައް ނުފުއްދޭ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ރައީސް ނުފުއްދަވާ ބައެއް ވައުދު ކަމަށް ވިދާޅުވެ ބައެއް ކަންތައްތައްވެސް އަދުރޭ ފާހަގަކުރެއްވި އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ޖުޑިޝަރީ އިސްލާހު ކުރުމަށް ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވި ނަމަވެސް އެކަން ނުކުރައްވަ އެވެ. އަޅަން ވިދާޅުވި އެއްވެސް ފްލެޓެއް އެޅިފައި ނެތް ކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ އުފަންވާ ކުދިންނަށް ދޭން ވައުދުވެވަޑައިގެންނެވި ހަދިޔާ ފޮށި ވެސް އަދިވެސް ނުދެއްވާ ކަމަށެވެ.

ކޮވިޑް 19ގެ ދުވަސްވަރު ދިވެހި ރައްޔިތުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައިވެސް މިވެރިކަމުގައި ބޮޑު ހިޔާނާތެއް ހިންގާފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ. އަދި ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމާއި މިނިވަންކަމަށް ބުރޫއަރާ ގޮތަށް އިންޑިއާ އާއި އެކު އަޑިނޭނގޭ އެތައް އެއްބަސްވުމެއް މިވެރިކަމުގައި ހަދާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމު ވިދާޅުވީ ރައީސް ސޯލިހް ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ މަސައްކަތް ފެއްޓެވިއިރު އަމިއްލަފުޅު ޕާޓީގައިވެސް އެމަނިކުފާނަށް ތާއީދު ނެތް ކަމަށެވެ. އެހެންވެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ވާދަނުކުރެއްވުމަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފަ އެވެ.

"ސޯލިހުގެ ނަން ނަގަން ގޮވާލަން،" އަދުރޭ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ޖަލަށްލައިގެން އިދިކޮޅު ކޯލިޝަން ނުހުއްޓުވޭނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށް މިރޭވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަމަކު އެމަނިކުފާނު މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައި ކަމަށްވާތީ ރިޔާސީ ކެންޑިޑޭޓެއްގެ ބައެއްގެ ޝަރުތުތައް ޔާމީނަށް ވަނީ ގެއްލިފަ އެވެ.

ރައީސް ސޯލިހްގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ހުރިހާ މެންބަރުން ސާބިތުވެ ތިބުމަށްވެސް އަބްދުއްރަހީމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ އާޓިފިޝަލް ބީޗަށް އެއްވެ ތިބިއިރު ފުލުހުން ދިޔައީ އެ މީހުންނަށް އެތަނުން ނުނިކުމެވޭނެހެން މުޅި ސަރަހައްދުގެ ބަންދުކޮށްގެން ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.