ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ރ. އަތޮޅަށް ފުރާވަޑައިގެންފި

Jan 5, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ރ. އަލިފުށްޓަށް މިއަދު ފެށްޓެވި މި ދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބާއްވާ އާއިލީ ހަވީރުގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި، މިދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ރައީސް ސޯލިހް ރ. އަތޮޅު ކައުންސިލާއި، އަލިފުށީ ކައުންސިލާ ބައްދަލުކުރައްވާނެ އެވެ. އަދި، އަލިފުށީ ސްކޫލްގައި ޢިމާރާތްކޮށްފައިވާ މަލްޓިޕާޕަސް ހޯލް ހުޅުއްވައި ދެއްވާނެ އެވެ.

އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ހުކުރު ދުވަހު ނިންމަވާލެއްވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.