ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސާލިހް އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރ. އަލިފުށީގައި މިއަދު ރ. އަތޮޅުގެ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމެއް ގައެވެ.
މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރ. އަތޮޅުގައި އެއާޕޯޓު އެޅުމުގައި މިހާރު ނުނިމި އޮތް ކަމަކީ އެއާޕޯޓު އަޅާނެ ތަނެއް ކަނޑައެޅުމުގެ މައްސަލަ އެވެ.
މި ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް އެންމެ އަވަހަށް ފެށިގެންދާނެ ސަރަހައްދުތަކުގެ ތެރޭގައި ރ. އަތޮޅު ހިމެނެ އެވެ. ފަތުރުވެރި ކަމަށް ދޫކުރި ރ. އުފުލަންދޫ މިހާރު ސަރުކާރުން ނަގާފައިވާ ކަމަށާއި ރ. އަތޮޅު ރައްޔިތުންގެ ބޭނުމަށް އެރަށް އަލުން ދޫކުރައްވާނެ ކަމަަށްވެސް ރައީސް ވިދާޅުވި އެވެ.
ރ. އަތޮޅު ކައުންސިލުން ރައީސްގެ އަރިހުގައި އެދުނު ކަންކަމާ ގުޅިގެން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ކުރެވެން ހުރި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވި އެވެ.
ރައީސް މިއަދު އަލިފުއްޓަށް ކުރެއްވި ދަތުރުފުޅުގައިވަނީ އަލިފުށީ ސްކޫލުގައި ސަރުކާރުން އިމާރާތްކުރި މަލްޓިޕާޕަސް ހޯލު ހުޅުއްވައި ދެއްވައި އެ އިމާރާތްވެސް ބައްލަވާލައްވާފަ އެވެ.