އަހުމަދު ނާޒިމް

ބޭސްފަރުވާގެ މުއްދަތު އިތުރުކުރަން ނާޒިމް ހުށަހަޅައިފި

Jan 24, 2016
  • މީގެ ކުރިން ދެފަހަރު މުއްދަތު އިތުރުކުރި
  • އަންގާރަ ދުވަހު ގޮތެއް ނިންމަނީ
  • ނާޒިމް ފަރުވާ ހޯއްދަވަނީ ސިންގަޕޫރުން

އުމުރު ދުވަހުގެ ޖަލު ހުުކުމެއް ފުރިހަމަ ކުރައްވަމުން ގެންދެވި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ސިންގަޕޫރުގައި މިހާރު ހޯއްދަވަމުން ގެންދަވާ ބޭސްފަރުވާގެ މުއްދަތު އިތުރު ކުރުމަށް އަނެއްކާ ވެސް ހުށަހަޅުއްވައިފި އެވެ.

ނާޒިމް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ސިންގަޕޫރަށް ބޭސް ފަރުވާއަށް ވަޑައިގަތުމަށް ފަހު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކަރެކްޝަންސް އިން ވަނީ އޭނާގެ އެދުމަށް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފަ އެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް މިއަދު ވިދާޅުވީ، ބޭސްފަރުވާގެ ކަންކަން ނުނިމޭތީ މުއްދަތު އިތުރުކޮށްދެއްވުމަށް ނާޒިމް އަނެއްކާ ވެސް އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް ނާޒިމް އެދިވަޑައިގަތީ ކިހާ ދުވަހަކަށް ކަމެއް ހުޝާމް ވިދާޅެއް ނުވެ އެވެ. ނާޒިމް އަށް މިހާރު ދީފައިވާ ބޭސްފަރުވާގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ހުޝާމް ވިދާޅުވީ މެޑިކަލް ބޯޑުން ނާޒިމްގެ ހުށަހެޅުން ރިވިއު ކުރާނީ އަންގާރަ ދުވަހު ކަމަށެވެ. އަދި މެޑިކަލް ބޯޑުން ނިންމުމެއް ނިންމުމުން އެކަމުގެ ތަފްސީލް ހާމަ ކުރައްވާނެ ކަމަށް ހުޝާމް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް ނާޒިމް މައްޗަށް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.