ކުޅިވަރު

ޗެލްސީ ބަލިކޮށް ސިޓީ އިން އާސެނަލްއާ ކައިރިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ޗެލްސީ 1-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީ އިން އެއްވަނައިގައި އޮތް އާސެނަލްއާ ކައިރިކޮށްފި އެވެ.

ލީގުގެ އެއްވަނައިގައި އާސެނަލަށް ލިބިފައި އޮތް ލީޑު ސިޓީ އިން މިހާރު ވަނީ ފަސް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އާސެނަލަށް 39 ޕޮއިންޓް ލިބިފައިވާއިރު ސިޓީ އޮތީ 39 ޕޮއިންޓުގަ އެވެ. ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 35 ޕޮއިންޓެވެ.

ޗެލްސީ ރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން މޭސަން މައުންޓް ނުލަ އެވެ. މައުންޓަކީ ޗެލްސީގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ހިމެނޭ ކުޅުންތެރިއެކެވެ. އަނެއްކޮޅުން ފުރަތަމަ ހާފުގެ 25 މިނެޓުތެރޭ އަނިޔާގެ ސަބަބުން ޗެލްސީގެ ރަހީމް ސްޓާލިން އާއި ކްރިސްޓިއަން ޕުލިސިޗް ވަނީ ބަދަލުކޮށްފަ އެވެ.

މެޗުގައި ޗެލްސީގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޕުލިސިޗްގެ ބަދަލުގައި ކުޅެން އެރި 19 އަހަރުގެ މިޑްފީލްޑަރު ކާނީ ޗުކުވެމެކާ އެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަށް ކުޅުމުގެ ތެރެއަށް ދިޔައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. އޭގެފަހުން ޗެލްސީގެ ތިއާގޯ ސިލްވާ ފޮނުވާލި ބޯޅައެއް ސިޓީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ދަނޑި ކައިރިން ދިޔައީ ބޭރަށެވެ.

ދެވަނަ ހާފުގައި ސިޓީގެ ކެވިން ޑި ބްރޭނާ ނަގައިދިން ހުރަހެއް ނޭތަން އަކޭ ބޮލުން ޖެހުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ. އެކަމަކު 63 ވަނަ މިނެޓުގައި ލިބުނު ފުރުސަތުގެ ބޭނުންހިފައި ރިޔާދް މާރޭޒް ވަނީ ސިޓީ އަށް ލީޑު ނަގައިދީފަ އެވެ. މިއީ ޖެކް ގްރީލިޝް ނަގައިދިން ހުރަހަކުން މާރޭޒް ޖެހި ލަނޑެކެވެ. މާރޭޒްގެ ގޯލަކީ ލީގުގައި މި ސީޒަނުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

ސިޓީ އަތުން ބަލިވުމާ އެކު އެއްވަނަ އާއި އެޓީމާ ދެމެދު އޮތް ފަރަގު ވަނީ 10 ޕޮއިންޓަށް ބޮޑުވެފަ އެވެ. 17 މެޗުން ލިބުނު 25 ޕޮއިންޓާ އެކު ޗެލްސީ މިހާރު އޮތީ 10 ވަނައިގަ އެވެ. ފަހަކަށް އައިސް ނަތީޖާތައް ދަށްވެ ޗެލްސީ މިހާރު އޮތީ ގަދަ ހަތަރަކަށް ވާދަކުރެވޭ ހިސާބުގައެއް ވެސް ނޫނެވެ.