ފިނިޕޭޖް

ދަ ކޭން މިއުޓިނީ ކޯޓް މާޝަލްއަށް ފިލްމެއް ހަދަނީ

ވިލިއަމް ފްރައިޑްކިންގެ "ދަ ކޭން މިއުޓިނީ ކޯޓް މާޝަލް" އަކީ ހާމަން ވޫކް 1951 ވަނަ އަހަރު ލިޔެފައިވާ ވާހަކައަކާއި ޕްލޭއަކަށް، މި ޒަމާނަށް ފައްތާފައި ހަދާ ކޯޓް ޑްރާމާ ފިލްމެކެވެ.

މި ފިލްމް ބިނާކޮށްފައިވަނީ އެމެރިކާގެ ނޭވީގެ ޔޫއެސްއެސް ކޭންގައި ހިނގާ މިއުޓިނީ ނޫނީ ބަޣާވާތަކާ ގުޅިގެން ކުރިއަށް ގެންދާ ކޯޓް މާޝަލް އަކަށެވެ.

މި ފިލްމްގެ ޕްލޮޓަށް ބަލާލާއިރު، ޔޫއެސްއެސް ކޭންގެ ކޮމާންޑަރު ލެފްޓިނަންޓް ކޮމާންޑާ ފިލިޕް ފްރާންސިސް ކުއީގް (ކީފާ ސަދާލޭންޑް) އެ ޝިޕްގެ ކަންތައްތައް ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަނުޖެހި، އީރާން ކައިރިން ބޮޑު ތޫފާނެއް ކުރިމަތިވާ ވަގުތު، ލެފްޓިނަންޓް ސްޓީވަން މަރީކް (ޖޭކް ލޭސީ)، ޔޫއެސް ނޭވީ ގާނޫނުގެ 184 ވަނަ މާއްދާ ބޭނުންކޮށް، ކުއީގް ކޮމާންޑަރުގެ ޒިންމާ އިން ދުރުކޮށް ބޯޓުގެ ކޮމާންޑަރުގެ ރޯލް ނަގަ އެވެ.

މިކަމުގެ ސަބަބުން މެރީކްއަށް ކޯޓް މާޝަލް ކުރުން ކުރިއަށް ގެންދާ އިރު، މަރީކްގެ ދިފާއީ ވަކީލެއްގެ ގޮތުން ވަކާލާތު ކުރަނީ ލެފްޓިނަންޓް ބާނީ ގްރީންވާލްޑް (ޖޭސަން ކްލާކް) އެވެ.

ލެފްޓިނަންޓް ގްރީންވާލްޑް މަރީކްގެ ދިފާއުގައި މަސައްކަތްކުރި ނަމަވެސް، މަރީކްގެ އަމަލުތަކަކީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމުގައި ދެކެ އެވެ. މި ފިލްމް މިއަހަރުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށް ބެލެވެ އެވެ.

މި ވާހަކައިގެ މައްޗަށް ބްރޯޑްވޭގައި ޝޯ އެއް ކުރިން ކުރިއަށް ގެންގޮސްފައިވާއިރު 1988 ވަނަ އަހަރުވެސް ފިލްމެއް ހަދާފައިވެ އެވެ.