ޕީޕީއެމް

ރައީސް މީދޫއަށް، އިދިކޮޅުން އެ ރަށުގައި މުޒާހަރާ ކުރަނީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ރ. މީދޫއަށް ވަޑައިގަންނަވާތީ، އެ ރަށުގައި އިދިކޮޅުން މުޒާހަރާކުރަން ފަށައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ތާއީދުކުރާ ފަރާތްތަކުން މީދޫގެ މަގުތަކުގައި މުޒާހަރާ ކުރަމުން އަންނައިރު، ރައީސް ސޯލިހް ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާއެއް މިރޭ އެރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ސޯލިހް ވަނީ މިއަދު ރ. މާކުރަތަށާއި އެ އަތޮޅު އިންނަމާދޫއަށް ވަޑައިގެންފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހްގެ އިތުރުން ދެން ވާދަކުރައްވަނީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕްރައިމަރީގެ ކެމްޕޭން ފޯރި ވަނީ ވަރަށް ގަދަވެފަ އެވެ.

ރައީސް ސޯލިހްގެ ވާދަވެރި ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ އއ. އަތޮޅާއި އދ. އަތޮޅާއި ފ. އަތޮޅާ އަދި ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވާފަ އެވެ.