މީރާ

މީރާ މުވައްޒަފުންގެ ދީލަތި އެހީ ފިޔަވަތި ކުދިންނަށް

Jan 7, 2023

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުންގެ ފަރާތުން 56،300 ރުފިޔާގެ ތަކެތި ފިޔަވައްޗަށް ހަދިޔާކޮށްފި އެވެ.

މީރާއިން ބުނި ގޮތުގައި މިއީ އެ އިދާރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ހިންގަމުންދާ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެކެވެ. މީރާގެ މުވައްޒަފުންގެ ފަރާތުން ފިޔަވައްޗަށް ހަދިޔާކުރީ އެތަނުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ މުހިއްމު ބައެއް ސާމާނެވެ.

ފިޔަވައްޗަށް ތަކެތި ހަދިޔާކުރުމުގެ ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފަ އެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއުގެ އިތުރުން މީރާގެ މުވައްޒަފުންނާއި ފިޔަވަތީގެ މުވައްޒަފުން މި ހަވީރުގައި ބައިވެރިވި އެވެ.

އަސްމާ ޝަފީއު ވިދާޅުވި ގޮތުގައި މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

މީރާއަކީ ކޮންމެ އަހަރަކުވެސް މިފަދަ އިޖުތިމާއީ ހަރަކާތްތައް ރާވައި ހިންގުމުގެ އިތުރުން އެހެނިހެން ފަރާތްތަކުން ވެސް ރާވައި ހިންގާ މި ފަދަ ހަރަކާތްތަކުގައި ބައިވެރިވަމުން ގެންދާ މުއައްސަސާއެކެވެ.