އެމްޑީޕީގެ ތެރެއިން ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމުގައި އެންމެ ގިނަ މަސައްކަތް ކުރެއްވި މޭސްތިރިޔަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށާއި އެހެންކަމުން އެމަނިކުފާނަކީ އެމްޑީޕީގެ ފިކުރުގެ ބޭފުޅަކަށް ނުވާނަމަ އެ ފިކުރަށް ވާނެ އެހެން އިތުރު ބޭފުޅަކު އެމްޑީޕީގައި ނުހުންނަވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެ އެވެ.
ނ. ވެލިދޫގައި މިރޭ ބޭއްވި ރައީސް ސޯލިހްގެ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ޖަލްސާގައި ވާދަވެރި ކެންޑިޑޭޓް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން ދައްކަމުންދާ ބައެއް ވާހަކަތަކަށް އަސްލަމް ވަނީ ވަރުގަދައަށް ރައްދުދެއްވާފަ އެވެ.
ރައީސް ސޯލިހް ވެރިކަން ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންކަމަށް ބައްލަވައިގެން ނޫން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެކަމާ ގުޅިގެން އަސްލަމް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން ހިލާފުވި އެމްޑީޕީގެ އެއްވެސް ކަމެއް ބައްލަވައިގެން ވެސް ފާހަގަނުކުރެއްވުނު ކަމަށެވެ.
ރައީސް ސޯލިހްގެ ސަރުކާރުން އެމްޑީޕީގެ ފިކުރާ ދެކޮޅަށް ސިޔާސަތުތައް ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާތީ އެކަމަށްވެސް އަސްލަމް ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އަސްލަމް ވިދާޅުވީ އެމްޑިޕީއަށް 17 އަހަރު ވެގެންދިޔައިރު ވާދަވެރިން ދައްކަވާ ވާހަކަތަކުން އެމްޑީޕީގެ ފިކުރަކީ ކޮބައިކަން އޮޅޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"މި ޕާޓީގެ ފިކުރު ބަދަލުވެއްޖެއޯ. މި ޕާޓީގެ ވެރިކަމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެމްޑީޕީގެ ފިކުރެއް ނޫނޯ. އަދި އަޅުގަނޑުމެން އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށްގެން ތިބި މީހުންނަކީ އެމްޑީޕީގެ ބައެއްވެސް ނޫނޯ. އަޅުގަނޑު މިހުންނަނީ ހައިރާންވެފައި. އަޅުގަނޑަށް ހަމަ މުޅިން އޮޅިއްޖެ. އެމްޑީޕީގެ ފިކުރަކީ ކޮބައިތޯ. ތިޔަ ވިދާޅުވާ ފިކުރަކީ ކޮބައިތޯ؟ އަޅުގަނޑުމެންނަށް ފޮރުވައިގެން އަޅުގަނޑުމެންނަށް ނާންގާ އެހެން ފިކުރެއް ގެންގުޅުއްވަނީތޯ؟،" ރައީސް ނަޝީދަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އަކީ ވަކި މީހެއްގެ ފިކުރެއް ނޫން ކަަމަށާއި އެމްޑީޕީގެ އަސާސީ ގަވައިދާއި ގަރާރުތަކުގައި އެމްޑީޕީގެ ފިކުރު ލިޔެ ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންވެ އެމްޑީޕީގެ ލިޔެވިފައިވާ ފިކުރާ ހިލާފަށް ރައީސް ސޯލިހްގެ ސަރުކާރުން ކުރި ކަމެއް ފެންނަން ނެތް ކަމުގައިވެސް ވިދާޅުވި އެވެ.
"މިއިން ކޮން ކަމަކަށްތޯ ކޮން އަސާސަކަށްތޯ ކޮން ފިކުރަކާތޯ މިސަރުކާރުން ހިލާފުވީ. އެއީ އުފެދޭ ސުވާލަކީ. ހަމަ ޔަގީނުންވެސް އަޅުގަނޑަށް ފެންނާކަށް ނެތް. ހަމަ ޔަގީނުންވެސް އަޅުގަނޑަކަށް އެނގޭކަށް ނެތް،" އަސްލަމް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ކެމްޕޭން ސްލޯގަން ކަމަށްވާ "ފިކުރެއްގެ ދިރުން" އަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ އެ ދެއްކަވަނީ އެހެން ފިކުރެއްގެ ތެރެއިން މުޅިން އެހެން ޕާޓީއެއް އުފައްދަވަން އުޅުއްވާ ވާހަކަ ކަމަށެވެ. އެހެންވެ އަސްލަމް އެދިވަޑައިގަތީ އެމްޑީޕީގެ މެންބަރުން އެމްޑީޕީގެ ފިކުރުގައި ސަމާލުވެ ތިއްބެވުމަށެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީއާއި އެމްޑީޕީގެ ފިކުރު އުފަންވެގެން އައީ ރައްޔިތުންނަށް ބޭނުންވާ ފަދަ ވެރިކަމެއް ކޮށްދިނުމަށް ކަމަށެވެ. އެކަން ކުރަން އެކުލަވާލި ފެހި ގާނޫނުއަސާސީގެ އެކުލަވާލުމުގައި ރައްޔިތުންގެ ހާއްސަ މަޖިލީހާއި ރައްޔިތުންގެ ތެރެއިން އެންމެ މުހިއްމު މަސައްކަތްތަކެއް ކުރެއްވި އެއް އެއް މޭސްތިރިޔަކީ ރައީސް ސޯލިހް ކަމުގައިވެސް ވިދާޅުވި އެެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ 25 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ، ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހަތަރު އަހަރު ކުރެއްވުމަށްފަހުގައި މިއަދު އަޅުގަނޑުމެންނާ ޕްރައިމަރީއެއްގައި ޕާޓީން މިބައްދަލުކުރާ ހަގީގީ އެމްޑީޕީގެ އިސް ލީޑަރު އެމަނިކުފާނަށް ވުރެ ވަކިން މިއަދަކު އަޅުގަނޑުމެންނަށް ސިޔާސީ މަގެއް ދައްކައިދޭނެ އަދި ސިޔާސީ ހަމަތަކާއި ސިޔާސީ އުސޫލުތަކެއް ގަބޫލުކުރައްވާ އަދި ވަކިން ހާއްސަކޮށް ދިވެހިންނަށް ދިވެހިން ބޭނުންވާ ވެރިކަން ކޮށްދެވޭނެ ލީޑަރަކު އަޅުގަނޑަށް ފެންނަން ނެތީމާ އަޅުގަނޑު އިބްރާހީމް މުހައްމަދު ސޯލިހާ އެކު މިހުރީ،" އަސްލަމު ވިދާޅުވި އެވެ.
ރައީސް ނަޝީދު ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ ފޮޓޯއެއް ނަންގަވައި އެ ފޮޓޯ އާންމުންނަށް ދައްކާލުމަށް ކަމަށް ދޭހަވާ ގޮތަށްވެސް އަސްލަމް ވާހަކަ ދެއްކެވި އެވެ. ނަމަވެސް ރައީސް ސޯލިހަކީ ކުރައްވާ ކޮންމެ ކަމެއް ދެއްކެން ފޮޓޯ ނަންގަވާ ބޭފުޅެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
"މި ޕާޓީއަށް [ރައީސް ސޯލިހް] ދެރަގޮތެއް ނުހައްދަވާނެ. ފެށުނީއްސުރެ މި ޕާޓީން ހިންގި އެންމެހާ ހަރަކާތްތަކުގައި އެންމެ ފުލުގައި އެންމެ ވަރުގަދައަށް ހިއްޕަވާ އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވި އެއް ބޭފުޅެއް އިބްރާހީމް މުހައްމަދު ސޯލިހަކީ. އިބްރާހީމް މުހައްމަދު ސޯލިހް މި ޕާޓީ މީހަކަށް ނުވަންޏާ އެހެން އެއްވެސް މީހަކު މި ޕާޓީ މީހަކަށް ނުވާނެ. އިބްރާހީމް މުހައްމަދު ސޯލިހް އެމްޑީޕީ ނުވަންޏާ. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެމްޑީޕީ ނުވާނެ. އިބްރާހީމް މުހައްމަދު ސޯލިހް މި ޕާޓީއަކަށް ވެވަޑައިގެންނެވި ގުރުބާނީ އާއި ކުރެއްވި ބުރަ މަސައްކަތް ގާތުން ދުށް އެކެއްގެ ހައިސިއްޔަތުން އަޅުގަނޑު މިހެން މިދަންނަވަނީ،" ރައީސް ސޯލިހަށް އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން އަސްލަމް ވިދާޅުވި އެެވެ.