އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ -- ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް، ރިޕަބްލިކަން ޕާޓިގެ ކެވިން މެކާތީ އިންތިހާބު ކުރައްވައިފި އެވެ.
މަޖިލީހުގެ ތިރިގެއަށް ރައީސަކު ހޮވުމަށް 15 ފަހަރަށް ވޯޓުލާން ޖެހުނެވެ. މައިގަނޑު މައްސަލަ އަކީ މަޖިލީހުގެ ތެރޭގައި އަދި ވަކިން ހާއްސަކޮށް ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ މެދުގައި މެކާތީއަށް އޮތް ނުތަނަވަސް ކަމެވެ.
މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތު މިހާރު އޮތީ ރިޕަބްލިކަނުން ނަށެވެ. ޑިމޮކްރެޓުންނަށް އަޣުލަބިއްޔަތު އޮތްއިރު މައިނޮރިޓީ ލީޑަރުގެ މަގާމުގައި ހުންނެވި މެކާތީ އެވެ. އެހެންކަމުން، ނޮވެމްބަރު އަށެއް، 2022 ގައި އެމެރިކާގައި އޮތް މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަނުންނަށް މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތު ލިބުމާ އެކު މެޖޯރިޓީ ލީޑަރުގެ މަގާމު މެކާތީއަށް ލިބިވަޑައިގަތީ އެވެ.
މި އުސޫލުން ބެލި ނަމަވެސް ތިރިގޭގެ ރައީސްގެ މަގާމަށް އިންތިހާބުކުރެވެން ޖެހޭނީ މެކާތީ އެވެ. އެހެން ނަމަވެސް، ހިޔާލުތަފާތުވުން ބޮޑުވެފައި އޮތް ރިޕަބްލިކަން މެންބަރުންގެ މެދުގައި މެކާތީއަށް އެއްބަހެއް ނުވެވުނެވެ.
ވޯޓުލުމުގެ ބަހުސްތައް ފަސް ދުވަހަށް ދިގުދެމިގެން ގޮސް -- މެކާތީ ރައީސް ކަމަށް އިންތިޚާބުކުރުމަށް 15 ފަހަރަށް ވޯޓުލަން ވަނީ ޖެހިފަ އެވެ. ރައީސް ކަމަށް ވަޑައިގަތުމަށް މެކާތީއަށް -- އާންމު އުސޫލުތަކުގެ މަތިން ތިރިގޭގެ ރައީސަށް އޮންނަ ބައެއް އިމްތިޔާޒުތައް -- ދޫކޮށްލައްވަން ޖެހިވަޑައިގެންނެވި އެވެ.
އެހެންކަމުން، ޑިމޮކްރެޓުންނަށް ތިރިގޭގެ އަޣުލަބިއްޔަތު އޮތްއިރު ރައީސް، ނޭންސީ ޕެލޯސީއަށް ލިބިވަޑައިގެންނެވި ވަރުގެ ބާރުތަކެއް މެކާތިއަކަށް ނޯންނާނެ އެވެ.
މިއިން ދޭހަވާން ޖެހޭ މާނައަކީ ޕެލޯސީއަށް ވުރެ މެކާތީގެ ހައިސިއްޔަތު މަޖިލީހުގައި ދަށްވާނެ ކަމެވެ.
އެހެން ނަމަވެސް، ތިރިގޭގެ ރައީސަކީ އެމެރިކާގައި ތިންވަނައަށް އެންމެ މުހިންމު މީހާ އެވެ. އެމެރިކާގެ ރައިސްގެ މަގާމުގައި ހުންނަވާ ބޭފުޅުކަށް އޭނާގެ ވާޖިބުތައް އަދާނުކުރެވިއްޖެ ހާލަތެއްގައި އަދި ނައިބު ރައިސް ވެސް އުޒުރުވެރިވެ ވަޑައިގެންފި ނަމަ -- ގާނޫނީ ގޮތުން ރައީސަކު އައްޔަން ކުރެވެންދެން، ރައީގެ ވާޖިބުތައް އަދާކުރައްވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ތިރިގޭގެ ރައީސަށެވެ.