ރާއްޖެ ކުޅިވަރު

ނިއު އަތުން ޕީޑީއާރްއެމް އަށް ހަނި މޮޅެއް

މެޗުގެ ދެވަނަ ހާފުގައި ގެމްބިއާގެ މިޑްފީލްޑަރު މުހައްމަދޫ ސުމާރޭ ޖެހި ލަނޑާއެކު، ޕީޕަލްސް ކަޕްގައި މިރޭ ނިއު ރޭޑިއަންޓް އަތުން މެލޭޝިއާގެ ޕީޑީއާރްއެމް 1-0 އިން މޮޅުވެއްޖެ އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުންދާ ޕީޑީއާރްއެމްގެ އިން ނިއުގެ މައްޗަށް ކުރި ހޯދީ 62 ވަނަ މިނިޓުގައި ސުމަރޭ ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު، ނިއުގެ ޑިފެންޑަރެއް ކައިރިން ނައްޓާލައި، ސުމަރޭ ތިރިތިރިން ފޮނުވާލި ޝޮޓް ގޯލުގެ ތެރެއަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ގަލޮލު ދަނޑުގައި ކްލަބު މެޗެއްގައި ދަގަނޑޭ ކުޅުނު ފުރަތަމަ ފަހަރު، ދަގަނޑޭ ވެސް ވަނީ ނިއުގެ ގޯލަށް ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު މުޅި މެޗަށް ބަލާއިރު، ދަގަނޑޭ ހިފެހެއްޓުމުގައި ނިއުގެ ޑިފެންޑަރުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ޕީޑީއާރްއެމް އިން ލީޑު ނެގި ފަހުން، ދަގަނޑޭ ފޮނުވާލި ދެ ހަމަލާއެއް ވަނީ ނާކާމިޔާބުވެފަ އެވެ.

މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި މެޗުގެ ނަތީޖާ އެއްވަރުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނިއުގެ އައްސަދު އަލީ (އަޑުބަރޭ) އަށެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން އަޑުބަރޭ ފޮނުވާލި ބޯޅަ، ޕީޑީއާރްއެމްގެ ގޯލްކީޕަރު ސައިފުލް އަމަރު ވަނީ ދިފާއުކޮށްފަ އެވެ.

ނިއު އަށް ދެ ފަހަރެއްގެ މަތިން ކުރިން ކުޅެ، ގިނަ ކާމިޔާބީތަކެއް އެ ޓީމާއެކު ހޯދި ދަގަނޑޭ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން، މެޗުގެ ފެށުމުގެ ކުރިން ނިއުގެ ޓީމުން ވަނީ ދަގަނޑޭ އަށް ގާޑް އޮފް އޮނާެއެއް ދީފަ އެވެ. ދަގަނޑޭ ދަނޑަށް ނިކުތްއިރު، މެޗު ބަލަން ވަދެ ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ވަނީ އޭނާ އަށް ހޫނު ތަރުހީބެއް ދީފަ އެވެ.