ސަރުކާރުގެ ބޭނުމަކަށް ގދ. ވާދޫ އިން ކުއްޔަށް ހިފި ގެސްޓް ހައުސް އަދި އާންމު ގެތަކުގެ ކޮޓަރިތަކަށް ފައިސާ ނުދޭ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
ގދ. ވާދޫގެ ރައްޔިތަކު ނަން ނުޖެހުމަށް ޝަރުތުކޮށް އަވަސްއަށް މައުލޫމާތު ދެމުން ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގދ. ވާދޫގެ ގެސްޓް ހައުސް އަދި ބައެއް އާންމުންގެ ގޭގެ ކޮޓަރިތައް ފިޝަރީޒް މިނިސްޓްރީއާ ގދ. ފަރެސްމާތޮޑާ ކައުންސިލުން ގުޅިގެން ކުއްޔަށް ހިފި ކަމަށެވެ.
"ނަމަވެސް އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް ކުއްޔަށް ހިފި ތަންތަނުން ލިބެންޖެހޭ ފައިސާ ނުލިބޭ. ފައިސާ ދޭނަމޭ އެބަބުނޭ. އެކަމަކު ދޭނެ ދުވަހެއް ނުބުނި،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ގދ. ފަރެސްމާތޮޑައިގައި މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރިއިރު އެރަށުގައި ކުއްޔަށް ހިފާނެ ހުރިހާ ތަނެއް ކުއްޔަށް ނެގުމަށްފަހު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެ އަތޮޅަށް ދިޔަ ބާކީ ތިބި މީހުން ތިބުމަށް ހަމަޖެއްސީ ގދ. ވާދޫ ކަމަށެވެ. އެގޮތުން ފަރެސްމާތޮޑާގެ ކައުންސިލުން އެރަށުން ގެސްޓް ހައުސް އަދި ކޮޓަރިތައް ކުއްޔަށް ހިފީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ބުންޏެވެ.
ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމުން ފިޝަރީސް މިނިސްޓްރީއަށް މެސެޖުކޮށް ގުޅާ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ފައިސާ ދިނުން ލަސްވާތީ މިނިސްޓްރީން އެކަމަށް މައާފަށް އެދުނު ކަމަށްވެސް އޭނާ ބުންޏެވެ.
"މިނިސްޓްރީއިން މިއަދު އަޅުގަނޑަށް ގުޅި. ގުޅި ފަރާތުން ބުނީ ފަރެސްމާތޮޑާގެ ކައުންސިލުގެ ފަރާތުން ބިލްތައް ނުލިބިގެންނޭ ފައިސާ ދިނުން ލަސްވަނީ. އެކަމުގައި ކޮމިއުނިކޭޝަން އެރާ އެއް އުޅޭކަމަށް އެފަރާތުން ބުނީ."
އޭނަ ބުނި ގޮތުގައި ފަރެސްމާތޮޑާގެ ކައުންސިލުން ކޮޓަރިތައް ކުއްޔަށް ހިފީ ފަސް ދުވަހަށެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ އަށަކުން 12 އަށެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީއިން މިއަދު ވިދާޅުވީ އެބޭފުޅުން ކޮޓަރިތައް ކުއްޔަށް ހިފާފައިވާނީ މިދިޔަ ޑިސެމްބަރު މަހުގެ 10 އިން 12 އަށް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މިތަނުން ކޮންމެވެސް އެއްބަޔަކު އޮޅުވާލައިގެން މި އުޅެނީ،" ފިޝަރީޒްގެ އޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.