މުހައްމަދު ނާޒިމް

މިސްކިތްތައް މަރާމާތުކުރަން ފައިސާ ނެތުމަކީ ބޮޑު ލަދެއް: ނާޒިމު

މިސްކިތްތައް ބެލެހެއްޓުމުގެ ނަމުގައި، މާލޭ ސިޓީ ކައުންސިލުން ފައިސާ ހޯދުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމު ދައުލަތެއްގައި މިސްކިތްތައް މަރާމާތުކުރަން ފައިސާ ނެތުމަކީ ބޮޑުވެގެންވާ ލަދެއްް ކަމަށެވެ. އަދި ފައިސާ އިސްރާފު ނުކޮށް ބޭނުންތެރި ކަންކަމަށް ފައިސާ ހަރަދު ކުރަން ޖެހޭނެ ކަމަށެވެ.

މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުން ކައުންސިލްތަކުގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު ސިޓީ ކައުންސިލުން ބުނެފައިވަނީ މިސްކިތްތައް މަރާމާތުކުރަން ފަންޑު ހޯދަނީ ސަރުކާރުން މިސްކިތްތައް ކައުންސިލާ ހަވާލުކުރިއިރު އެއްވެސް ބަޖެޓެއް ދީފައި ނުވާތީ ކަމުގައެވެ. އަދި ސިޓީ ކައުންސިލުގެ އާމްދަނީން މިހާރުވެސް މިސްކިތްތަކުގެ މަރާމާތާ، ބިލްތަކާ ފޮޅާސާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި މާލެ ސިޓީ ކައުންސިލުން ބުނެ އެެވެ.

މާލެ ސިޓީ ކައުންސިލުން "ޗާލު މިސްކިތް" ނަމުގައި ހުޅުވާފައިވާ ފަންޑަށް ރޭގެ ނިޔަލަށް ޖުމްލަ 744713.90 ރުފިޔާ ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.