މާލޭ ސިޓީ ކައުންސިލް

މިސްކިތްތައް ސާފުކުރާނެ ދިވެހިން ހޯދަން އަލުން އިއުލާންކުރަނީ

ވަޒީފާ ދޭ މުއްދަތު އިތުރުކޮށް މާލޭގެ މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން އަލުން އިއުލާނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް ދިވެހިންނަށް އިސްކަންދޭން މާލޭ ސިޓީ ކައުންސިލުން ނިންމީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

މާލެ ސިޓީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވަނީ ވަގުތީ މުވައްޒަފުން ނަގާ މުއްދަތު މިހާރު އިންނަނީ އެއް އަހަރަށްކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ދިވެހިން ހޯދަން ދަތިކަމަށް އާޒިމް ވިދާޅުވި އެވެ.

މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް ދިވެހިން ހޯދަން ނިންމާ 114 ދިވެހިން ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކުރުމުން ކުރިމަތިލީ 14 މީހުންނެވެ.

ކައުންސިލަށް ނަގާ ވަގުތީ މުވައްޒަފުންނަށް މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށް އިއްޔެގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ. އަދި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް ދިވެހިން ހޯދަން އަލުން އިއުލާންކުރަންވެސް ވަނީ ނިންމާފަ އެވެ.