މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ އެސްޖީ ވަޖީހް މަގާމުން ވަކިކުރަން ފާސްކޮށްފި

މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް (އެސްޖީ) ވަޖީހް ނަސީރު މަގާމުން ވަކިކުރަން މިއަދު ފާސްކޮށްފި އެވެ.

ވަޖީހް މަގާމުން ވަކިކުރަން ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލުން ބޭނުންވީ އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެއްވުމަށްފަހު އެވެ. އެގޮތުން ބައެއް ކައުންސިލަރުން ފާހަގަކުރެއްވި ގޮތުގައި އެކި މައްސަލަތައް ހުރި ފަރުވާ ކުޑަ މުވައްޒަފުން ވަކިކުރުމަށް އެސްޖީ ބޭނުން ނުވުމާއި، ބައެއް ބިލްތަކަށް ފައިސާ ދެއްކުން ފަސްކުރުން ނުވަތަ ހުއްޓުވުން އެއީ އެސްޖީ ޒިންމާ އަދާނުކުރެއްވުމެވެ.

ވަޖީހް ދިފާއުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ބިލްތަކަށް އެއްވެސް ބަޔަކަށް ފައިސާ ދޫކުރެވޭނީ ކުރި މަސައްކަތެއް ސާފުކޮށް ފެންނަން ހުރި ލިޔެކިޔުންްތަކަށް އެކަނި ކަމަށެވެ.

އެސްޖީގެ މަގާމުން ވަޖީހް ވަކިކުރެއްވުމަށް ޕީއެންސީގެ ބައެއް ކައުންސިލަރުން ބޭނުންވުމުން ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވީ އެއްވެސް މީހަކަށް ތުހުމަތެއްކޮށް މަގާމުން ވަކިކުރާނަމަ އެ މީހަކަށް ކުރެވޭ ތުހުމަތަށް ޖަވާބުދާރީވުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

ސައިފްގެ ވާހަކަތަކަށް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އާއިޝަތު ނާޒިމާ ވަނީ ތާއީދުކުރައްވާފަ އެވެ.

ނަމަވެސް ޕީއެންސީގެ ކައުންސިލަރުން ބޭނުން ނުވުމުން އެސްޖީ ވަޖީހް މަގާމުން ވަކިކުރަން ފާސްކުރީ އޭނާއަށް ޖަވާބުދާރީވުމަށްވެސް ފުރުސަތު ނުދީ އެވެ.

ވަޖީހް މަގާމުން ވަކިކުރަން ނެގި ވޯޓުގައި ނާޒިމާ އާއި ސައިފް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.