އާސަހަރާގެ މަސައްކަތްތައް ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ނިމޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މޭޔަރު އާދަމް އާޒިމް ވަނީ އާސަހަރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
މާލޭސިޓީ ކައުންސިލުން ބުނި ގޮތުގައި މިސްކިތުގެ މަސައްކަތް ނިމޭއިރު 3,200 އަކަފޫޓު މިސްކިތަށް އިތުރު ކުރެވޭނެ އެވެ.
އާސަހަރާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާއަކާއި އަންހެނުންނަށް ހާއްސަ ފާހާނައަކާއި ނަމާދު ކުރާ ބައެއްގެ އިތުރުން ޖަނާޒާތަކަށް އަންނަ މީހުން މަޑުކޮށްލާނެ ސަރަހައްދެއް ދަނީ ތަރައްގީކުރަމުންނެވެ.
އާސަހަރާގައި ހަދަމުންދާ އިމާރާތުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ. މި އިމާރާތުގެ މަސައްކަތް އޭގެފަހުން ވަނީ ތިން ބަޔަކާ ހަވާލުކޮށްފަ އެވެ. އިމާރާތުގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސްއާ އެވެ.
އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލްކުރިއިރު ޕީއެންޕީ މޯލްޑިވްސް އަށް 3.6 މިލިއަން ރުފިޔާއާ އެކު މުޅި ޕްރޮޖެކްޓުގެ 53 ޕަސަންޓް ފައިސާ އޮތީ ދޫކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 15 ޕަސެންޓު އެޑްވާންސް ފައިސާއާ އެކު މަސައްކަތަށް ދޫކުރި 2.6 މިލިއަން ރުފިޔާ އެވެ.
އޭގެފަހުން އާ ސަހަރާގެ މަސައްކަތް ބީސިކްސް އިންވެސްޓްމަންޓާ 4.6 މިލިއަން ރުފިޔާއަށް ހަވާލުކުރި އެވެ.
މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.