ހަބަރު

މަނަދޫގައި ފުޓްސެލް ދަނޑަކާއި ބަށިކޯޓެއް އަޅަން ހަވާލުކޮށްފި

ގާގްގަނޑަކަށް ހަތް ލައްކަ ރުފިޔާ ހަރަދުކޮށްގެން ނ. މަނަދޫގައި ފުޓްސަލް ދަނޑަކާއި ބަށިކޯޓެއް އެޅުމަށް ބަޔަކައި ހަވާލުކޮށްފި އެވެ.

ހުރިހާ ރަށެއްގައި ސްޕޯޓްސް އެރީނާ ގާއިމް ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މަނަދޫގައި ފުޓްސަލް ދަނޑެއް އެޅުމަށް ޔޫތް މިނިސްޓްރީ އިން ހަވާލުކުރީ މަނަދޫ ޑެއިލީ މިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއަށެވެ. މިކަމަށް ދައުލަތުގެ ބަޖެޓުން 600،999 ރުފިޔާ ހަރަދުވެ އެވެ. އަދި އެރަށުގައި ބަށި ކޯޓެއް އެޅުމަށް ސީޝައިން ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކުރެވުނު އިރު އެމަސައްކަތަކަށް 78،420 ރުފިޔާ ހަރަދު ވެއެވެ.

މަނަދޫ ކައުންސިލް އިދާރާގެ ރައީސް އަބްދުއް ރަހްމާން ސޮބީހް "އަވަސް"އަށް ވިދާޅުވީ އެރަށުގައި ކުޅިވަރު ތަރައްގީ ކުރުމަށް ސަރުކާރުން އަޅައިދޭ ފުޓްސަލް ދަނޑުގެ ވަށާފާރާއި އެކު ދަނޑު ހެދުމަށް 55 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އަދި މުޅި ބަށިކޯޓު ހެދުމަށް 45 ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ.

މިމަސައްކަތް މަނަދޫގައި ފަށާފައިވާ އިރު ޔޫތު މިނިސްޓަރު ޒުހޫރް ކުރިން ވިދާޅުވެފައިވަނީ މިއަހަރު ތެރޭގައި ރާއްޖޭގައި 100 ފުޓްސަލް ދަނޑު އެޅުމަށް ރާވައިފަވާނެ ކަމަށެވެ.