ފިނިޕޭޖް

ވޫޕީ "ސިސްޓާ އެކްޓް 3" އަށް ބޭނުމީ މެގީ ސްމިތު

"ސިސްޓާ އެކްޓް" ފްރެންޗައިޒްގެ ތިންވަނަ ބައި ހެދުމަށް މަޑުކުރަނީ މި ފިލްމްގެ އޮރިޖިނަލް ކާސްޓް މެމްބަރު މެގީ ސްމިތް މި ފިލްމް ކުޅެން އެއްބަސް ވަންދެން ކަމަށް ވޫޕީ ގޯލްޑްބާގް ބުނެފި އެވެ.

އުމުރުން 67 އަހަރުގެ އޮސްކާ ވިނާ ވޫޕީ ގޯލްޑްބާގް މިހެން ބުނެފައިވަނީ އިނގިރޭސި ވިލާތުގެ "ލޫޒް ވިމެން" ޓޯކް ޝޯއަށް އަރާފަ އެވެ.

"އަހެރެން ބޭނުމީ މެގީ ސްމިތްއަށް އޭނާއަށްޓަކައި ސިސްޓާ އެކްޓް 3 ގައިވެސް މަދާ ސުޕީރިއާގެ ރޯލް ހިފަހައްޓާފައިވާކަން އަންގަން. އެއީ މި ފިލްމަކީ މެގީ ނޫން އެހެން މީހަކާއެކު އަހަރެންނަށް ނުވާނެ ކަމެއް،" ވޫޕީ ގޯލްޑްބާގް ބުންޏެވެ.

މެގީ ހުންނަތާކަށް ގޮސް ފިލްމު ޝޫޓްކުރުމަށް ތައްޔާރުކަމަށާއި މެގީ ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް ތައްޔާރު ކަމަށްވެސް ވޫޕީ ބުންޏެވެ.

ޑިޒްނީ+އިން 2020 ގައި މި ފިލްމު ފްރެންޗައިޒްގެ ތިންވަނަ ފިލްމުގައި އެކްޓްކުރުމަށާއި ޓައިލާ ޕެރީއާއެކު ޕްރޮޑިއުސް ކުރުމަށް ވޫޕީ ހިޔާރުކޮށްފައިވެ އެވެ.

1992 ވަނަ އަހަރު ނެރުނު "ސިސްޓާ އެކްޓް" އަކީ ވަރަށް ކާމިޔާބު މިއުޒިކަލް ކޮމެޑީ އެކެވެ.

ވޫޕީ ގޯލްޑްބާގް، މެގީ ސްމިތް، ކެތީ ނަޖީމީ، ވެންޑީ މެކޭނާ، މެރީ ވިކްސް އަދި ހާވީ ކީޓަލް އެކްޓްކުރި މި ފިލްމްގެ ބަޖެޓަކީ 31 މިލިއަން ޑޮލަރު ކަމުގައިވާއިރު، މި ފިލްމަށް ބޮކްސް އޮފީހުން ވަނީ 231 މިލިއަން ޑޮލަރު ލިބިފަ އެވެ.

މި ފިލްމްގެ ކާމިޔާބީއަށްފަހު 1993 ގައި މި ފިލްމްގެ ދެވަނަ ބައި، "ސިސްޓާ އެކްޓް 2: ބެކް އިން ދަ ހެބިޓް" ވަނީ ނެރެފަ އެވެ. ދެވަނަ ފިލްމްގައި އޮރިޖިނަލް ކާސްޓްގެ އިތުރުން ލޯރެން ހިލް، ޖެނިފާ ލަވް ހިއުވިޓް އަދި ޝެރީލް ލީ ރަލްފް ފަދަ ތަރިން ހިމެނުނެވެ.