އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނ. އަތޮޅަށް ވަޑައިގެންފި އެވެ.
ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ނަޝީދު މިއަދު ވަނީ ނ. މާފަރުގެ އިތުރުން އެ އަތޮޅު ލަންދޫއަށް ވަޑައިގެންފަ އެވެ. މާފަރަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ އެ ރަށުގެ ގޭގެއަށް ޒިޔާރަތް ކުރައްވާ ސަޕޯޓަރުންނާ ބައްދަލު ކުރައްވާފަ އެވެ.
ރައީސް ނަޝީދު މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ކެމްޕޭންގެ ދަތުރުފުޅުގައި ނ، ރ، އަދި ބ. އަތޮޅަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ކެމްޕޭންގައި ރައީސް ނަޝީދު ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ އަތޮޅުތައް
- ލ، ތ، މ، އަދި ވ. އަތޮޅު - ޖެނުއަރީ 13 - 15އަށް
- ޅ. އަތޮޅާއި މާލެ އަތޮޅު - ޖެނުއަރީ 17ގައި
- ގއ. އަދި ގދ. އަތޮޅު - ޖެނުއަރީ 19 - 21އަށް
- އައްޑޫ ސިޓީ - ޖެނުއަރީ 23 - 24އަށް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ.
ޕްރައިމަރީން ބަލިވާ ހާލަތު ފެނިވަޑައިނުގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓަކަށް ވާނީ އައްޑޫ ބޭފުޅެކެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.