ފިނިޕޭޖް

ކްލެއާ ޑޭންސް އާއި ހިއު ޑޭންސީއަށް ތިން ވަނަ ކުއްޖަކު ލިބެނީ

ފިލްމީ ތަރިން ކްލެއާ ޑޭންސް އާއި ހިއު ޑޭންސީއަށް ތިން ވަނަ ކުއްޖަކު ލިބެން އުޅޭކަމަށް ހާމަކޮށްފިއެވެ.

މިކަން ވަނީ މި ދެމަފިރިންގެ ރެޕް ޕީޕަލް މެގަޒިންއަށް ކަށަވަރުކޮށްދީފައެވެ.

43 އަހަރުގެ ކްލެއާ އާއި 47 އަހަރުގެ ހިއުގެ މިހާރު ތިބި ދެ ކުދިންނަކީ 10 އަހަރުގެ ސައިރަސް މައިކަލް ކްރިސްޓޮފާ އާއި ހަތަރު އަހަރުގެ ރޯވަންއެވެ.

ކްލެއާ މީގެ ކުރިން ހާމަކުރިގޮތުގައި ފުރަތަމަ ދަރިއަށް ބަލިވެއިން އިރު، ފަހު ދުވަސްތަކާޖެހެންދެން އެކްޓްކުރިކަމަށާއި އެހެންކަމުން ދެވަނަ ދަރިއަށް ބަލިވެއިން އިރު އަށް ވަނަ މަހުގައި އެކްޓްކުރުމުން ކުޑަ ބްރޭކެއް ނަގާފައެވެ.

"ހޯމްލޭންޑް" ގެ ތަރި ކްލެއާ އާއި "ލޯ އެންޑް އޯޑާ" ގެ ތަރި ހިއު 2006 ގައި "އީވްނިންގ" ފިލްމް ސެޓުން ދިމާވެ، ލޯބީގެ ގޮތުން ގުޅި ކައިވެނިކޮށްފައިވަނީ 2009 ގައެވެ.

ކްލެއާ ތިން ވަނަ ކުއްޖަކަށް ބަލިވެއިންކަމުގެ އުފާވެރި ހަބަރު ހާމަކޮށްފައިމިވަނީ މިދިޔަ މަހު "ފްލެޝްމަން އިޒް އިން ޓްރަބަލް" ގައި ކްލެއާ ކުޅުނު ރޯލަށް ގޯލްޑަން ގްލޯބް އެވޯޑަށް ނޮމިނޭޓްވެފައިވާ ހަބަރު އިއުލާންކޮށްފައިވަނިކޮށެވެ. ކްލެއާއަށް ވަނީ މީގެ ކުރިން ހަތަރު ގޯލްޑަން ގްލޯބް އެވޯޑާއި ތިން އެމީ އެވޯޑާއި ދެ ސްކްރީން އެކްޓާސް ގިލްޑް އެވޯޑާއި އެއް ކްރިޓިކްސް ޗޮއިސް އެވޯޑް ލިބިފައެވެ.