ރައީސް މުހައްމަދު ނަޝީދު

މަޝްރޫއުތައް ނުނިމެނީ އާބާދީއަށް ބަލައިގެން މަސައްކަތް ނުކުރާތީ: ނަޝީދު

ރާއްޖޭގައި ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ނުކުރެވެނީ އާބާދީގެ ނިސްބަތުން ކަންކަން ކުރަން ނޫޅޭތީ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނ. ވެލިދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ކަންކަން ކުރަން ޖެހޭނީ ވެރިކަމަށް އައުމުގެ ކުރިން ވައުދުވީ ގޮތަށް ކަމަށާއި އެއީ ޑިމޮކްރަސީގެ އުސޫލެއް ކަމަށެވެ. އަދި ވައުދާއި ހިލާފަށް ފައިސާ ހަރަދު ކުރާނަމަ ރައްޔިތުންގެ ނުތަނަވަސްކަން ސަރުކާރަށް އަމާޒުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެހެނެއް ނޫން މިކަން މި ވީކީ. ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އެޔެއް މިޔެއް ފަޅު ރަށެއް ނުބަލާ ކޮންނަމުން ކޮންނަމުން ދިޔައީ. އެހެންވީމާ އަސްލު ކަންކަން އަޅުގަނޑުމެންނަށް ހުރީ ނުވެފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވެލިދޫގައި ހޮސްޕިޓަލް އަޅާ ވާހަކަ 2011 ވަނަ އަހަރުވެސް ދައްކާފައިވާ ކަމަށާއި 2013 އަދި 2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް އެ ވާހަކަ އޮންނާނެ ކަމަށެވެ. ނަމަވެސް ފެންނަނީ މި މަސައްކަތް ނުހިނގާ ތަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ 27 މީހުން ދިރިއުޅޭ ރަށެއްގައި 60 މިލިއަން ރުފިޔާގެ ބަނދަރެއް ސަރުކާރުން އަޅާއިރު އެ ރަށުގައި ބޮއްކުރައެއްވެސް ނޯންނަ ކަމަށެވެ. ވެލިދޫގައި ހޮސްޕިޓަލެއް ނޭޅިގެން އުޅެނީ މިސަބަބާ ހުރެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ފައިސާ ބޭނުން ކުރަން ޖެހޭނީ ފައިސާ ބޭނުން ކުރާނެ ކަމަށް ވެރިކަމަށް އައުމުގެ ކުރީގައި ވައުދުވީ ގޮތަށް،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރު ބޭކާރު ކަންކަމަށް ހަރަދުކުރާ ކަމަށް ކުރާ ތުހުމަތުތައް ސަރުކާރުގެ އިދާރާތަކުން އަބަދުވެސް ދޮގުކުރެ އެވެ.