ބްރެޒިލް ސަރުކާރުން ކޮންމެ ކަމަށް އެދުނު ނަމަވެސް، އެކަމެއް ކޮށްދިނުމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށް ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން، ނެޑް ޕްރައިސް ވިދާޅުވެއްޖެ އެވެ.
ނެޑް ޕްރައިސް ވިދާޅުވި ގޮތުގައި މިހާރު އެމެރިކާގައި ހުންނެވި ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ބްރެޒިލްއަށް ފޮނުވައިދޭން ރައީސް ލޫލާގެ ސަރުކާރުން އެދުނު ނަމަވެސް ހޭވައްލާ ތައްޔާރު ކަމަށެވެ.
ބޮލްސޮނާރޯ އެމެރިކާއިން ބޭރުކޮށް ބްރެޒިލްއަށް ފޮނުވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނެޑް ޕްރައިސް ވިދާޅުވީ ބްރެޒިލްގެ ސަރުކާރުން ކޮންމެ ކަމަކަށް އެދުނު ނަމަވެސް އެސްފިޔަޖަހާލާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަމެއް ތަންފީޒުކުރެވޭނެ ކަމަށެވެ.
ތަރުޖަމާން އަދި ވިދާޅުވީ ބްރެޒިލްގެ ސަރުކާރުން މިހާތަނަށް އެއްވެސް ކަމަކަށް އެދިފައި ނުވާ ކަމަށެވެ.
އެމެރިކާ އާއި ބްރެޒިލް އަކީ އެއްތަށިމަތިން ކާ ދެގައުމު ކަމަށް ވިދާޅުވެ ނެޑް ބްރައިސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ރައީސް ލޫލާގެ ސަރުކާރާ އެކު އިހުނަށް ވުރެ ބަދަހިވާނެ ކަމަށެވެ.
ބްރެޒިލްގައި އޮކްޓޯބަރު 2، 2022 ގައި އޮތް އާންމު އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ލޫލާ ދަ ސިލްވާ އެވެ. އޭނާ ވާދަކުރައްވައި އެއިރު ވެރިކަމުގައި ހުންނެވި ޖައިރް ބޮލްސޮނާރޯ ވަނީ ބަލިވެ ވަޑައިގެންފަ އެވެ..
ބޮލްސޮނާރޯ ވިދާޅުވި ގޮތުން އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން ވަނީ އިންތިޚާބު އޮޅުވާލާފަ އެވެ. އެ ނޫން ގޮތެއްގައި އޭނާ ނޫން މީހަކަށް އިންތިިޚާބު ކާމިޔާބެއް ނުކުރެވެނެ އެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާނެ ކަމަށްވެސް ބޮލްސޮނާރޯ ވަނީ ވިދާޅުވެފަ އެވެ.
ބޮލްސޮނާރޯ މިހާރު ހުންނެވި އެމެރިކާގަ އެވެ. އޭނާ އެމެރިކާއަށް ވަޑައިގަތީ ޖެނުއަރީ 1، 2023 ގައި އޮތް ލޫލާގެ ހުވައިކުރެއްވުމުގެ ރަސްމިޔާތަށް ފިއްލެވުމަށެވެ.
އިންތިޚާބުން ބޮލްސޮނާރޯ ބަލިވެ ވަޑައިގަތުމާ ގުޅިގެން އޭނާއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ ބްރެޒިލްގައި ހަމަނުޖެހުން ހިންގާފަ އެވެ. ރިޔާސީ ގަނޑުވަރަށާއި ސްޕްރީމް ކޯޓަށް އަދި ސަރުކާރުގެ މުހިންމު އިދާރާތަކަށް ބޮލްސޮނާރޯގެ ސަޕޯޓަރުން ވަނީ ވަދެގެންފަ އެވެ.
ރައީސް ލޫލާ ވިދާޅުވި ގޮތުގައި ބޮލްސޮނާރޯ އަޑީގައި ހުންނަވައިގެން އުޅުއްވީ ބާޣާވާތެއް ކުރައްވާށެވެ. އޭނާ އަދި ވިދާޅުވީ އެފަދަ ކަމެއް ކުރައްވަން ލާހިކު ނޫން ކަމަށާއި ހަމަނުޖެހުން ހިންގާނަމަ އެ މީހަކަށް ހުރީ ދޮރުބަންދު ތޭރިތަަކެއް ކަމަށެވެ.
އެމެރިކާ ބުނާ ގޮތުން ޚާއްސަ މަޝްވަރާއަކަށް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ލޫލާއަށް ދައުވަތު އަރުވާނެ އެވެ. އަދި ބްރެޒިލްގެ ސަރުކާރުން ކޮންމެ ކަމަކަށް އެދުނަސް، އެއަށް ވުރެ މުހިންމެ ކަމެއް އެމެރިކާއަކަށް ނޯންނާނެ އެވެ.