ރަށްތަކާއި ފަޅުތައް ހިމެނޭހެން ޖިއޮގްރަފިކް ތަންތަނަށް ނަންކިޔާނެ އުސޫލެއް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އެކުލަވާލައިފި އެވެ.
މި އުސޫލަކީ ޖިއޮގްރަފިކް ތަންތަނުގެ ތެރެއިން ވަކި ނަމެއް ކިޔުމަށް ބޭނުންވާ ތަންތަނާއި އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި ވަކިނަމެއް ނުދޭ ތަނަކަށް ނަންކިޔުމުގެ އިތުރުން ވަކި ތަނަކަށް ދީފައިވާ ނަމެއް ބަދަލުކުރަމަށް ނުވަތަ އާންމުކޮށް އެތަނަކަށް ކިޔާ އުޅޭ ނަމެއް ރަސްމީކޮށް އެތަނަކަށް ކިޔުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް އެކުލަވާލި އުސޫލެކެވެ.
މި އުސޫލުގައި ބުނެފައިވާ ގޮތުން ރަށަކަށް ނުވަތަ ފަޅަކަށް ކިޔާފައިވާ ނަމެއް ބަދަލުކުރުމަށް ނުވަތަ އެނަމަށް ބަދަލު ގެނައުމަށް ހުށަހަޅަންޖެހޭނީ ދައުލަތުގެ އިދާރާ އަކަށެވެ. ނުވަތަ އެތަން ކުއްޔައް ހިފާފައިވާ ފަރާތް ނޫނީ އެތަނެއް ހަވާލުކޮށްފައިވާ ފަރާތަކަށެވެ.
ރަށަކަށް ނަން ކިޔުމުގައި ސަރުކާރުގެ އިދާރާއެއް ފިޔަވައި އެހެން ފަރާތަކުން ނަންކިޔުމަށް އެދޭނަމަ އެ ރަށަކީ އެފަރާތަކުން ހިއްކާފައިވާ ރަށަކަށް ވާންޖެހޭނެ އެވެ. ނަންކިޔުމަށް ނުވަތަ ނަން ބަދަލުކުރުމަށް ހުށަހަޅާ ފަރާތްތަކުން އެތަނަށް ކިޔުމަށް އެދޭ ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅަންޖެހޭނެ އެވެ.
މި އުސޫލުގެ ދަށުން ނަން ފާސްކުރުމުގައި ކިޔާ ނަމަކީ ދިވެހި ބަހުން ކިޔާ އާންމު އިޖުތިމާއީ މިންގަނޑުތަކަށާއި އަހުލާގީ މިންގަނޑުތަކަށް ފެތޭ ނަމެއް ކަމުގައި ބަލާނެ އެވެ. އެއީ ކިޔަން ފަސޭހަ ރީތި ނަމަކަށް ވޭތޯ ބަލާނެ އެވެ. އަދި އެއީ އެހެންތަނަކަށް ކިޔާފައި ނުވާ ނަމެއްތޯވެސް މި އުސޫލުގެ ދަށުން ބަލާނެ އެވެ.
ނަން ފާސްކުރުމުގައި ހުށަހަޅާފައިވާ ނަމަކީ މީހަކަށް ނުވަތަ ތަނަކަށް ކިޔާ ނަމެއްކަމުގައި ވެގެން ނުވާނެ ކަމަށް މި އުސޫލުގައި ޝަރުތުކޮށްފައި ވެއެވެ.
ޖިއޮގްރަފިކް ނަންތަކާބެހޭ ކޮމެޓީގައި ހިމެނޭ ފަރާތްތައް
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ބޭފުޅެއް
- މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީއިން ކަނޑައަޅާ ބޭފުޅެއް
- ދިވެހި ބަހުގެ އެކަޑަމީ އިން ކަނޑައަޅާ ބޭފުޅެއް
- މިނިސްޓްރީ އޮފް ޓޫރިޒަމް އިން ކަނޑައަޅާ ބޭފުޅެއް
- ފިޝަރީޒް މިނިސްޓްރީ އިން ކަނޑައަޅާ ބޭފުޅެއް
- އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކަނަޑައަޅާ ބޭފުޅެއް
- ޕްލޭނިން މިނިސްޓްރީ އިން ކަނޑައަޅާ ބޭފުޅެއް
- ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އިން ކަނޑައަޅާ ބޭފުޅެއް
މި އުސޫލުގެ ދަށުން ރަށްރަށާއި ފަޅުތަކަށް ނަން ކިޔުމުގައި ނުވަތަ ނަމަށް ބަދަލު ގެނައުމަށް ނިންމާނީ ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމެޓީގެ ނަމުގައި އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ.
ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީން ނަމެއް ފާސްކޮށް އިއުލާނުކުރުމުން ރާއްޖޭގެ ރަސްމީ ޗާޓުގައި އެތަނެއް ފާހަގަކޮށް އެނަން އެތަނަށް ކިޔާ ނަމުގެ ގޮތުގައި ހިމަނަންޖެހޭނެ ކަމަށްވެސް އުސޫލުގައި ކަނޑައަޅާފައިވެ އެވެ.