ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ ބޮޑު އިސްކަމެއް ދެނީ ތައުލީމީ މީހުން ބިނާކުރަން: ރައީސް

ފާއިތުވި ހަތަރު އަހަރު އެންމެ ބޮޑު އިސްކަމެއް ދިނީ ތައުލީމީ ރޮނގުން މީހުން ބިނާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ އައްޑޫ ފޭދޫ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭނެ ދާއިރާއަކީ ތައުލީމީ ދާއިރާ ކަމަށެވެ.

"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ކުދިންނަށް ކިޔަވައިދީގެން ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރަން. ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގެ ތަރައްގީއަށް މަސައްކަތްކުރާނެ ތައުލީމީ މީހުން ބިނާކުރަން. ކުރިއަށް އޮތް ތާންގައިވެސް އެންމެ ބޮޑު އިސްކަމެއް ދެނީ މިކަމަށް." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޒިންމާދާރުކަމާ އެކު އަމިއްލަ ދިރިއުޅުމެއް ބިނާކުރާ ގަދަރުވެރި ބަޔަކަށް ޒުވާނުން ހެދޭނީ އެންމެ ރަނގަޅު ފެންވަރުގެ ޒަމާނީ ތައުލީމު ޒުވާނުންނަށް ދީގެން ކަމަށެވެ. އަދި ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވާ ތަރައްގީކޮށްގެން ކަމަށެވެ. އެކަން ކާމިޔާބު ކުރެވޭނީ އަމިއްލަ ހަޔާތުގެ މިސްރާބު ސީދާކުރެވޭނެ ފުރުސަތު ޒުވާނުންނަށް ފަހިކޮށް ދީގެން ކަމުގައިވެސް ވިދާޅުވި އެވެ.

"އާއިލާއާއި މުޖުތަމައުގައި ބަސްވިކޭ ހަރުދަނާ ބަޔަކަށް ޒުވާނުން ވެގެންދާނީވެސް އޭރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަން ކާމިޔާބުކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ރާވާ ތަންފީޒުކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ހިލޭ ޑިގްރީއަށް ކޮލެޖުތަކުގައި ކިޔަވައިދޭން ފެށީވެސް އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ތައުލީމީ ދާއިރާ ހަރުދަނާކުރުމަށް ގެނައި ބަދަލުތަކާއެކު މުދައްރިސުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްތަކުގައިވެސް 26،500 މީހުން ތަމްރީނުކުރެވިފައިވާ ކަމަށެވެ. އެއްވެސް ތަފާތުކުރުމެއް ނެތި އުނގެނުމުގެ ހައްގު ލިބިގަތުމަށްޓަކާ ސެޓަލައިޓް ސްކޫލްތައް ފެށިގެން ހިނގަމުންދާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އަމާޒަކީ ކުދިންނަށް ކިޔަވައިދިނުމުގައިވެސް އެންމެ އަތޮޅެއްވެސް އެންމެ ރަށެއްވެސް އަދި އެންމެ ފަރުދެއްވެސް ބާކީނުކުރުން،" ރައީސް ވިދާޅުވި އެވެ.