ރާއްޖެ ކުޅިވަރު

ވިކްޓަރީ އަށް ނަޒީހު، ޔުނައިޓެޑް ވިކްޓަރީ އަށް ނާދު

ވިކްޓަރީގެ ކޯޗުކަން މުހައްމަދު ނަޒީހު އަށް އަދި ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް އަހުމަދު ނާޝިދު (ނާދު) ހަމަޖައްސައިފި އެވެ.

ކުރިން ވިކްޓަރީ އަށް ކުޅުނު މި ދެ ކޯޗުގެ ތެރެއިން ނާދު އަކީ މިދިޔަ އަހަރު ވިކްޓަރީގެ ހެޑްކޯޗެވެ. އަދި ނަޒީހު އަކީ ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިން ކޯޗެވެ.

ކުރިން ވިކްޓަރީގެ މުހިންމު މިޑްފީލްޑަރެއްގެ ގޮތުގައި ފާހަގަ ކުރެވުނު ނަޒީހު ވަނީ މީގެ ކުރިން ވެސް ވިކްޓަރީގެ ހެޑްކޯޗުކަންކޮށްފަ އެވެ.

އެއީ އޭނާގެ ބޭބެ އަލީ ސުޒޭން އެފްއޭއެމުގެ ސަސްޕެންޝަނެއްގައި ހުރި ތިން މަހެއްހާ ދުވަހު އެވެ. އޭގެ ފަހުން އޭނާ ވަނީ ވީބީ އަށް ވެސް ކޯޗުކޮށްދީފަ އެވެ. ނިއު އާއި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ނަޒީހު އަކީ ފަހަކަށް އައިސް ކޯޗިން ދާއިރާ އަށް ނުކުތް ޒުވާން ކޯޗުންގެ ތެރެއިން ކުރިއަރަމުން އަންނަ ކާމިޔާބު ކޯޗެކެވެ.

ނާދު ވަނީ މިދިޔަ އަހަރު އާދައިގެ ޓީމެއް އޮތް ވިކްޓަރީއާއެކު ރަނގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. ދިވެހި ލީގުގެ ފަސް ވަނަ މަގާމުގައި ނިންމާލިއިރު މުހިންމު މެޗުތަކުގައި ވިކްޓަރީން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ކުރިއަށް އޮތް ސީޒަނަށް މި ދެ ޓީމުން ވެސް ތައްޔާރުވާން ފަށާފައިވާއިރު ވިކްޓަރީގެ އާ ބޯޑު އިންތިހާބު ކުރުން މިރޭ ބާއްވާނެ އެވެ.