ވިކްޓަރީ

ވިކްޓަރީން ނާޝިދު އިސްތިއުފާ ދޭން ގޮވާލައިފި

ވިކްޓަރީ ސްޕޯޓްސް ކުލަބު މިހާރު އޮތް ހާލަތަށް ވެއްޓުނީ، އެ ކުލަބުގެ ޗެއާމަން އިބްރާހިމް ނާޝިދުގެ އިހްމާލުން ކަމަށް ބުނެ، ކުލަބުން އޭނާ އިސްތިއުފާ ދޭން ކުލަބުގެ ބޯޑު މެންބަރު އަދި އެ ކުލަބުގެ އެންމެ ދުވަސްވީ ހިދުމަތްތެރިޔާ އަހްމަދު ރިޔާޒު (ގާނާ) ގޮވާލައިފި އެވެ.

މީގެ 30 ހަކަށް އަހަރު ކުރިން ވިކްޓަރީއަށް ހިދުމަތް ކުރަން ނުކުތް ގާނާއަކީ މިހާރު ވެސް މުދެކެނޑުމެއް ނެތި އެ ކުލަބުގެ ހިދުމަތުގައި ހުންނެވި ފަރާތެކެވެ. ވިކްޓަރީން ނެރުނު ބަޔާނާ ގުޅިގެން މިއަދު އޭނާ ބުނީ، ބަޔާން ނެރުނީ ކުލަބުގެ ކޯރަމް ހަމަވާ ބައްދަލުވުމަކުން ފާސް ކޮށްގެން ނޫން ކަމަށެވެ.

ގާނާ ބުނީ، ކުލަބު މިހާލަތަށް ދިޔައީ ކުލަބު ރަނގަޅު ކުރަން ފުރުސަތު ލިބި އެ މަސައްކަތުގައި ނާޝިދަށް ވަގުތު ނުދެވުމުން ކަމަށާއި އޭނާ އިސްވެ ކުލަބަށް ލައްކައެއްހާ ރުފިޔާވެސް ހޯދައި ދީފައި ނުވާ ކަމަށެވެ.

"ހަތަރު މަސް ކުރިންވެސް އަހަރެން ނާޝް [ނާޝިދު] ގާތު ބުނިން ކުލަބު މިހާލަތަށް އެބަ ދެޔޭ، ކުލަބު ހިންގަން އެހެން ބަޔަކަށް ހަވާލު ކުރުމަށް އިސްތިއުފާ ދޭށޭ،" ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރެ ގާނާ ބުންޏެވެ. "އިސްތިއުފާ ދޭން ދެކޮޅު ހެދުމުން ވެސް އޭނާ އާ އެކުގައި މަސައްކަތްކަތް ކޮށްގެން ވެސް ކުލަބުގެ ހާލަތު ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރިން، އެހެން ނަމަވެސް އޭނާއަށް ވަގުތެއް ނުދެވޭ، ފައިސާ ހޯދޭނެ ގޮތެއް ތަނަވަސް ކޮށެއް ނުދެވޭ."

ވިކްޓަރީގެ ގޯލްކީޕަރު ޓްރެއިނަރުކަން ވެސް ކުރިން ކުރި ގާނާ ބުނީ، ކުލަބު ލައިސެންސިންގައި ހުރި ކަންކަން ފުރިހަމަ ކުރުމަށް ވެސް ނާޝިދުގެ ކިބައިން އެހީތެރި ކަމަށް އެދުނު ކަމަށާއި އެކިފަހަރު މަތިން އެކަމަށް ދިން މުއްދަތުތައް ފަހަނައަޅައި ދިޔައިރު ވެސް އެ މަސައްކަތުގައި ވެސް އޭނާ އެހީތެރިކަން ނުލިބޭ ކަމަށެވެ.

"އެފްއޭއެމް އާވެސް ބައްދަލު ކޮށްފަ [ނާޝިދު] ވިދާޅުވޭ، އާނ ހައްލު ކުރާނަމޭ، އެއިން ކޮންމެ ބައްދަލުވުމެއް ވެސް ނިމިގެން ދަނީ އުންމީދާއެކު، އެހެން ނަމަވެސް ވަގުތު ނުދެވިގެން އެކަން ނުވެ ސަސްޕެންޝަނާ ހަމައަށް ދިޔައީ."

ގާނާ، ބުނީ ކުލަބު ލައިސެންސިންއަށް ހުށަހެޅުމަށް ބޭނުންވާ ބައެއް ލިޔުންތައް އޭނާ އަމިއްލައަށް ވީވަރަކުން އެފްއޭއެމްއަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ކުޅުންތެރިންނަށް ކޮއްތު ފައިސާ ދެވޭނެ ގޮތެއް ނެތިގެން އޭނާ އާއި ކުރިން އެކުލަބުގެ ކޯޗްކަން ކުރި މުހައްމަދު އާދަމް އަމިއްލަ ހަރަދުގައި ކުޅުންތެރިންނަށް ފައިސާ ދީފައިވާނެ ކަމަށެވެ.

"އަޅުގަނޑަކީ އަމިއްލަ އަތުންވެސް ކުލަބަށް ހަރަދުކޮށްގެން މިކަން ކުރެވޭތޯ އުޅޭ މީހެއް، މެޗު އޮންނަ ދުވަހު އައިސް ނުގަނެވި ފެން ނުގަނެވި އަޅުގަނޑުގެ އަމިއްލަ އަތުން ފައިސާ ލައިގެން ކުޅުންތެރިންނަށް ކަންކަން ކޮށްދެވޭތޯ އުޅެން، އަޅުގަނޑަށް ކުރެވުނު ވަރަކަށް ކުރެވޭތޯ ބަލަން،" އޭނާގެ ޝުއޫރުތައް ގާނާ ބަންޑުން ކޮށްލި އެވެ.

"އެހެންނަމަވެސް ކުލަބު ސަލާމަތް ކުރުމުގައި ޗެއާމަން އާއި ބޯޑުގެ އެހެން މެންބަރުން އެއްބާރުލުން ނުލިބެންޏާ މިކަމެއް ނުކުރެވޭނެ، ޗެއާމަން އާއި ބޯޑުން އެއްބާރުލުން ނުލިބުމުން ވިކްޓަރީ ސަސަންޕެންޑްވީ، އަޅުގަނޑު މީ އެކަމުގައި އުޅުނު މީހަކީ، އެފްއޭއެމުން ވަގުތު ދިން ވަރު އެނގޭނީ އަޅުގަނޑަށް ތާ، އެ ދިން ވަގުތުތަކުގައި ލައިސެންސްގެ ކަންކަން އަޅުގަނޑަށް ކުރެވުނު ވަރަކުން ކުރިން."

ކުރިން ވިކްޓަރީގެ ޑިފެންޑަރަކަށްވެސް ކުޅުނު ގާނާ ބުނީ، ވިކްޓަރީއަށް ބައިގަރުނު ވާން ކައިރިވެފައިވާއިރު ފުޓްބޯޅައިގެން ގެއްލިގެންދާ ހިސާބަށް ވިކްޓަރީގެ ހާލަތު ދަށު ދަރަޖައަކަށް ވެއްޓުމަކީ އެ ކުލަބަށް ހެޔޮ އެދޭނެ އެއްވެސް މީހަކަށް ބަލަން ކެތް ވާނެ މަންޒަރެއް ނޫން ކަމަށެވެ.

"އަޅުގަނޑާ ބައްދަލުވާ އެތައް ބަޔަކު ބުނޭ، ނާޝިދު އިސްތިއުފާ އަށް ގޮވަ ނުކުންނަން ޖެހެންޏާ ތިމަންނަ މެން މިތިބީ ނުކުނަ ގޮތަށޭ، އެގޮތަށް 50 މީހުން އެބަތިބި، އެހެންނަމަވެސް ރީތި ގޮތުގައި ކަންކަން ކުރަން އަޅުގަނޑު ހުންނަނީ، ނާޝް އާއެކުގައިވެސް މަސައްކަތްކޮށްގެންވެސް މިކަން ރަނގަޅު ކުރެވޭތޯ ވަރަށް މަސައްކަތް ކުރެވިއްޖެ."

ވިކްޓަރީގެ ލެޓާހެޑްގައި އިއްޔަ ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައި ވީނަމަވެސް އެއް ވަނަ ޑިވިޝަންގައި ހިފެހެއްޓުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ގާނާ ބުނީ މިހާރު އޮތް ހާލަތުންވެސް ކުލަބު ސަލާމަތް ކުރެވޭނެ ގޮތް ނާޝިދުއަށް ހުށަހަޅުމުންވެސް އޭނާގެ ސަޕޯޓް އެކަމަށް ނުލިބޭ ކަމަށެވެ.

ވިކްޓަރީގެ ޗެއާމަން ކަމާ، ޑިސެމްބަރު 2018 ގައި ހަވާލުވުމަށް ފަހު ނާޝިދު ވިދާޅުވީ، އޭނާގެ އަމިއްލަ ވަގުތު ހުސްކޮށްގެން ވެސް ވިކްޓަރީގެ ހަލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އެހެން އެއްވެސް މީހަކު މިކަމަށް ވަގުތު ނުދިނަސް އަޅުގަނޑުގެ އަމިއްލަ ވަގުތު ހުސް ކޮށްގެން ވެސް ކުލަބުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނަން." ގަލޮޅު ސްކޫލުގައި ބޭއްވި ވިކްޓަރީގެ އިންތިހާބަށް ފަހު ނާޝިދު އޭރު ވިދާޅުވެފައި ވެއެވެ.