ފުޓްބޯޅައިގެ ހަރަކާތްތަކުން ވިކްޓަރީ ސްޕޯޓްސް ކުލަބް ސަސްޕެންޑް ކުރީ، އެފްއޭއެމުން ވަކި ގޮތަކަށް އަމާޒު ކޮށްގެން ކަމަށް ވިކްޓަރީން ތުހުމަތު ކޮށްފި އެވެ.
ވިކްޓަރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު، މީޑިއާތަކަށް ވަކިވަކިން ފޮނުވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ދިވެހި ޕްރިމިއާ ލީގުން އެ ކުލަބު ސަސްޕެންޑް ކޮށްފައިވީ ނަމަވެސް ފުރަތަމަ ޑިވިޝަންގައި ކުލަބު ދަމަހައްޓަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެ ވަނަ ޑިވިޝަނަށް ވެއްޓެން ޖެހިއްޖެ ހާލަތެއްގައި ވެސް ފުޓްބޯޅައަށް ދެމުން ހިދުމަތް ކުރަމުންދާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
"ފުޓްބޯޅައިގެ ހަރަކާތްތަކުން މި ކުލަބު ސަސްޕެންޑް ކޮށްފައި ވީނަމަވެސް އެއް ވަނަ ޑިވިޝަންގައި ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް ކުރަމުންދާ ވާހަކަ ދެންނެވީމެވެ." ވިކްޓަރީގެ ބަޔާނުގައި ބުނެފައި ވެއެވެ. "އެފްއޭއެމުން ވަކި ގޮތަކަށް އަމާޒުކޮށްގެން އެއް ވަނަ ޑިވިޝަންގެ ފުޓްބޯޅައިން ބޭރުވާން ޖެހިއްޖެ ނަމަވެސް މި ކުލަބުން ފުޓްބޯޅައަށް ދެމުންގެންދާ ހިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ވާހަކަ ދެންނެވީމެވެ."
ފުރަތަމަ ޑިވިޝަންގައި ކުލަބު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުލަބުގެ ބަޔާނުގައި ބުނެފައިވީ ނަމަވެސް، އެއީ ކޮން މަސައްކަތްތަކެއް ކަމެއް ހާމަ ކޮށްފަ އެއް ނުވެ އެވެ. އެފްއޭއެމުން އެ ކުލަބު ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދިނުމާއި، ލީގްގެ މެޗުތަކަށް ތަކުރާރުކޮށް ހާޒިރު ނުވުމުގެ އިތުރަށް ކުލަބު ލައިސެންސިންގައިވާ ކަންކަން ފުރިހަމަ ނުކުރުމުންނެވެ. ސަސްޕެންޑް ކުރި ޚަބަރު ފެތުރިގެން ދިޔަ ފަހުން ވެސް އެފްއޭއެމުން ވިކްޓަރީއަށް މައްސަލަ ހައްލު ކުރަން އިތުރު ފަސް ދުވަސް ދިންކަން އަވަސް އަށް އެނގިފައި ވެއެވެ. އެ މުއްދަތުގައި ވެސް މައްސަލަ ހައްލު ކުރުމަށް އެ ކުލަބުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
ކުޅުންތެރިން މެޗުތަކަށް ހާޒިރުވުން ހުއްޓާލީ، ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދޭތާ ތިން މަސް ފާއިތުވުމުންނެވެ. ވިކްޓަރީގެ ބަޔާނުގައި ބުނެފައި ވަނީ، ކުލަބަށް ޒަމާނީ ބަދަލެއް ގެނެސް ކުލަބުގެ ދަރަންޏާ ކުރިމަތިލާނެ ކަމަށެވެ.
ވިކްޓަރީގެ ޗެއާމަން ކަމާ ނާޝިދު ހަވާލުވިއިރު ވެސް ކުލަބުގައި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ހުއްޓެވެ. އޭނާ ހަވާލުވެ ޒުވާން ޓީމެއް ހެދައި އެވްރެޖު މުސާރައެއް ދޭން ޖެހުނު ނަމަވެސް އެ ކުޅުންތެރިންނަށް ވެސް މުސާރަ ނުދެ އެވެ.
ވިކްޓަރީގެ ބަޔާނުގައި ބުނެފައި ވަނީ، ކުލަބުގެ ދަރަނި ބޮޑުވުމުން ކޮންމެ ފަހަރަކު އަމަލު ކުރާ އުސޫލަކީ އަނެއްކާވެސް ކުލަބު ފައިސާވެރިޔަކާ ހަވާލު ކުރުން ކަމަށާއި އެގޮތަށް ކަންކަން ކުރުމުން ލިބެނީ ވަގުތީ ހައްލެއް ކަމަށެވެ. އަދި ދަރަނި ކުޑަކުރެވި ކުލަބުތައް ދެމެހެއްޓެނިވި ގޮތުގައި ނުހިންގޭ ކަމަށެވެ.
"ވިކްޓަރީ ސްޕޯޓްސް ކުލަބުން ދެކޭ ގޮތުގައި ކުލަބަށް ދެމެހެއްޓެނިވި ބަދަލެއް ގެނެވޭނީ މި ކުަލަބުގެ މިހާރުގެ ދަރަންޏާއި ކުރިމަތިލުމާއެކު ދުރު ރާސްތާ ޕްލޭނެއް އެކުލަވާލާ، ޒަމާނަށް އެކަށީގެންވާ ގޮތަށް ކުލަބުގެ ހިންގުން ބަދަލުކޮށް، އެއް ކުޅިވަރަށް ވުރެ ގިނަ ކުޅިވަރުތަކުގައި ކުލަބު ވާދަ ކުރެވޭނެ ގޮތަކަށް ކުލަބުގެ ހިންގުމުގެ ނިޒާމު ބަދަލު ކޮށްގެންނެވެ." ބަޔާނުގައި ވެއެވެ.
އިތުރަށް ބުނެފައި ވަނީ، އެ ކުލަބަކީ އެފްއޭއެމްއަށް ވުރެ ދޮށީ ކުލަބެއް ކަމަށާއި މާލޭގެ ގަލޮޅުން އުފައްދައި މުޅި މާލެއަށް އަމާޒު ކުރި ކުލަބެއް ކަމަށެވެ. އަދި ވިކްޓަރީން އުފެދުނު ބައިނަލްއަގާވާމީ ފެންވަރުގެ ތަރިން ގައުމަށް ހިދުމަތް ކޮށްދީފައިވާއިރު، ކުރިއަށް އޮތް ތަނުގައި ގަލޮޅު ރައްޔިތުންގެ އެއްބާރުލުމާއި ޝާމިލުވުމާއެކު ހަރުދާނާކޮށް ހިންގާ ކާމިޔާބު ކުލަބެއްގެ ގޮތުގައި ކުލަބު ބަދަލު ކުރާނެ ކަމަށް ވިކްޓަރީންގެ ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.
ކުލަބުގެ ބޯޑު މެންބަރަކު ވިދާޅުވީ، ކުލަބުގެ ޗެއާމަންގެ ހައިސިއްޔަތުން ކުލަބުގެ ހިންގުމުގައި ނާޝިދުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާ ކަމަށެވެ. އެހެން ނަމަވެސް ޑިސެމްބަރު 2018 ގައި ވިކްޓަރީގެ ޗެއާމަން ކަމާ ހަވާލުވެ ނާޝިދު، ވިދާޅުވީ އޭނާގެ އަމިއްލަ ވަގުތު ހުސްކޮށްގެން ވެސް ވިކްޓަރީގެ ހަލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"އެހެން އެއްވެސް މީހަކު މިކަމަށް ވަގުތު ނުދިނަސް އަޅުގަނޑުގެ އަމިއްލަ ވަގުތު ހުސް ކޮށްގެން ވެސް ކުލަބުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނަން." ގަލޮޅު ސްކޫލުގައި ބޭއްވި ވިކްޓަރީގެ އިންތިހާބަށް ފަހު ނާޝިދު ވިދާޅުވެފައި ވެއެވެ.
އެހެން ކުލަބުތަކަށް ވެސް މާލީގޮތުން މައްސަލަ ވަނީ ކުރިމަތި ވެފަ އެވެ. ނަމަވެސް ޓީމު މެޗަށް ހަމަ ނުވާ ހިސާބަށް ދިޔަ ނުދީ އެ ޓީމުތަކުން ހިފަހައްޓަ އެވެ. ވިކްޓަރީން މެޗުތަކަށް ހާޒިރު ނުވެ ދެއްކީ ނުބައި މިސާލެކެވެ.
""ޗަންދާ ކަލެކްޓް ކުރެވޭނެ ސިސްޓަމް ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ތައްޔާރު ވާނެ، ކުލަބަށް ފައިސާ ހޯދޭނެ ގޮތްތައް ހޯދަން އެހެން ގޮތްތައް ވެސް ރާވަމުން އަޅުގަނޑުމެން މިގެން ދަނީ." ޖުލައި މަހު އަވަސް އާ ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވި އެވެ. އެހެންނަމަވެސް އަހަރު ނިމުނު އިރުވެސް ވިކްޓަރީގެ ހާލަތު އެ ޓީމަށް ރަނގަޅެއް ނުކުރެވުނެވެ.