ފީވަށް

ގަވައިދާ ހިލާފަށް ވެލި ނެގި މައްސަލައިގައި ފީވަކު ކައުންސިލް ޖޫރިމަނާކޮށްފި

ށ. ފީވަކު ގޮނޑުދޮށުން ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނަގާފައިވާތީ އެރަށު ކައުންސިލް 83،525 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާއެއް މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަޏަ ދުވަހު އެ އެޖެންސީއަށް ހުށަހަޅާފައިވާ ކަަމަށެވެ. އަދި އެ މައްސަލަ ބެލިއިރު އެ ރަށު ކައުންސިލުން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ނަގާފައިވާކަން ސާބިތުވާ ކަމަށްވެސް ބުނެފައިވެ އެވެ.

އީޕީއޭއިން ބުނީ ފީވަކު ކައުންސިލުން ވެއްޔާއި އަކިރި ނަގާފައިވަނީ އެރަށުގައި ކުޑަކުދިން ކުޅޭ ޕާކެއް ތަރައްގީ ކުރުމަށް ކަމަށެވެ.

ވެއްޔާއި އަކިރި ނެގި މައްސަލައިގައި ފީވަކު ކައުންސިލް ޖޫރިމަނާކޮށްފައިވަނީ 83,525 ރުފިޔާ އިންނެވެ. އަދި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ އީޕީއޭއަށް ދެއްކުމަށްވެސް އީޕީއޭއިން ވަނީ ފީވަކު ކައުންސިލަށް އަންގާފަ އެވެ.

ޒާރޫރީ ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް ވެލި ނަގަމުންދާ ފަރާތްތައް ގާނޫނީ އިމުގެ ތެރެއިން އެކަންް ކުރުމަށް އީޕީއޭއިން މީގެ ކުރިން ވަނީ އެދިފަ އެވެ. އަދި ކައުންސިލްތަކުން އެކަންތައް އިތުރަށް މޮނީޓާ ކުރަން އެދޭ ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ.