ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި ރެންސްއާ ވާދަކުރި މެޗުން 0-1 އިން ޕީއެސްޖީ ބަލިވެއްޖެ އެވެ.
ރޭގެ މެޗަކީ ލީގުގައި ރަށުން ބޭރުގައި ޖެހިޖެހިގެން ޕީއެސްޖީ ބަލިވި ދެވަނަ މެޗެވެ. އާ އަހަރު ދުވަހު ރަށުން ބޭރުގައި ޕީއެސްޖީ ބަލިވީ ލެންސްއާ ވާދަކޮށެވެ.
މެޗުން ބަލިވުމުން ޕީއެސްޖީ އަށް މިހާރު އެއްވަނައިގައި ލިބިފައިވަނީ ތިން ޕޮއިންޓުގެ ލީޑެކެވެ. އެޓީމަށް 19 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ލެންސް އަށް 19 މެޗުން ވަނީ 44 ޕޮއިންޓް ލިބިފަ އެވެ. ލެންސް ރޭ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 0-1 އިން މޮޅުވެފަ އެވެ.
ޕީއެސްޖީ ކޮޅަށް މެޗުގެ ހަމައެކަނި ގޯލު 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެންސްގެ ކެޕްޓަން ހަމާރީ ޓްރައޮރޭ އެވެ.
ރޭގެ މެޗު ޕީއެސްޖީ އިން ފެށީ ކިލިއަން އެމްބާޕޭ ބެންޗުގައި ބައިންދައިގެންނެވެ. އެކަމަކު ލިއޮނެލް މެސީ އާއި ނޭމާ ފުރަތަމަ އެގާރައިގައި ކުޅުނެވެ. މި ކުޅުންތެރިންނާ އެކު ޕީއެސްޖީ އަށް ނުރައްކާތެރި ހަމަލާއެއް ތަނަވަހެއް ނުކުރެވުނެވެ. މުޅި މެޗުގައި ވެސް ރެންސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގައި ރެންސްގެ ގޯލާ އަމާޒުކޮށް ޕީއެސްޖީ އަށް ފުރަތަމަ ހަމަލަ ފޮނުވާލެވުނީ ވެސް 81 ވަނަ މިނެޓުގަ އެވެ. އެކަމަކު ހުއާން ބާނެޓް ފޮނުވާލި މި ހަމަލާ ރެންސްގެ ގޯލްކީޕަރު ސްޓީވް މަންޑަންޑާ ވަނީ މަތަކޮށްފަ އެވެ.
ޕީއެސްޖީ ބަލިވިޔަސް އެޓީމުގެ ޒުވާން ކުޅުންތެރިޔާ ވަރެން ޒެއާ-އެމެރީ އަށް މެޗު ވަރަށް ހާއްސަ އެވެ. އުމުރުން 16 އަހަރާއި 313 ދުވަސްވީ ވަރެން ވެފައިވަނީ ފްރެންޗް ލީގުގެ ތާރީހުގައި މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.