ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުހަބާ ދަންނަވައިފި

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ރަސްމީ މަރުހަބާ ދަންނަވައިފި އެވެ.

ބޮޑުވަޒީރު ހުން ސެންއަށް ރަސްމީ މަރުހަބާ ދެންނެވުން އޮތީ މިއަދު ޖުމުހޫރީ މައިދާން ސަރަހައްދުގަ އެވެ. އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސްގެ މަރުހަބާއަށް ފަހު ސްކޫލް ކުދިންގެ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދި ހަތް ބަޑީގެ ސަލާމެއް ވެސް ވަނީ އަރުވާފަ އެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއާއި ކެމްބޯޑިއާގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެރުވި ގާޑް އޮފް އޮނާއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.

މި ރަސްމިއްޔާތަށްފަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ރައީސް އޮފީހަށް ވަޑައިގެން އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާ، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ރައީސް އޮފީހުން ބުނެ އެެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ހަވާސާގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ދިވެހިރާއްޖެއާއި ކެމްބޯޑިއާއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވަނީ ސެޕްޓެމްބަރު 21، 1995ގަ އެވެ.