ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްބޯޑިއާއާއިއެކު 6 އެއްބަސްވުމެއްގައި ސޮއިކޮށްފި

ކެމްބޯޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުންތަކުގައި ދެ ގައުމުގެ ކަމާ ގުޅޭ ބޭފުޅުން ސޮއިކުރެއްވީ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެޗޯ ހުން ސެން އާއި ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހާޒިރުގަ އެވެ.

މިގޮތުން ވިސާ މައާފްކޮށްދިނުމާއި ސިއްހީ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އަދި އިގްތިސާދީ ތަރައްގީގެ ދާއިރާއާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެ އެެވެ. އަދި ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ މެދުގައި ވެސް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި:

1. ދަ އެގްރީމެންޓް އޮން ވިސާ އެގްޒެމްޕްޝަން ފޯ ހޯލްޑާސް އޮފް ޑިޕްލޮމެޓިކް، އޮފިޝަލްސް އެންޑް އޯޑިނަރީ ޕާސްޕޯޓް

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ޕްރަކް ސޮކޮންއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިންނަށާއި ކެމްބޯޑިއާގެ ރައްޔިތުންނަށް ވެސް ވިސާ ނެގުމަކާ ނުލައި 30 ދުވަހުގެ މުއްދަތަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ އެވެ.

2. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގް އޮން ބައިލެޓަރަލް ކޮންސަލްޓޭޝަންސް

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް އިންޓާނޭޝަނަލް ކޯޕަރޭޝަން ޕްރަކް ސޮކޮންއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާ ކެމްބޯޑިއާއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

3. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގް އޮން ބައިލެޓެރަލް ކޮންސަލްޓޭޝަންސް

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް އިންޓާނޭޝަނަލް ކޯޕަރޭޝަން، ޕްރަކް ސޮކޮންއެވެ.

މި އެއްބަސްވުމުގެ މަގްސަދަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދުގައިވާ އިގްތިސާދީ ގުޅުން ބަދަހިކޮށް ހަމަހަމަ ކަމާއެކު ދެ ގައުމަށް ވެސް ފައިދާކުރާނެގޮތަށް މި ގުޅުން ހަރުދަނާކުރުމެވެ.

4. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގް އޮން ހެލްތް ކޯޕަރޭޝަން

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓާ އޮފް ހެލްތް އަހްމަދު ނަސީމެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ އެ ގައުމުގެ ހެލްތު މިނިސްޓަރު މާމް ބުންހެންގް އެވެ.

މިއީ ސިއްހީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ. މިގޮތުން މި އެއްބަސްވުމުގެ ދަށުން ކެމްބޯޑިއާއިން ދިވެހިރާއްޖެ އަށް ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

5. މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ޓޫރިޒަމް ކޯޕަރޭޝަން

މި އެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމެވެ. ކެމްބޯޑިއާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ، އެ ގައުމުގެ މިނިސްޓާ އޮފް ޓޫރިޒަމް ތާއުންގް ކޮން އެވެ.

މި އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަން އިޝްތިހާރުކުރުމާއި މި ދާއިރާއިން މީހުން ތަމްރީންކުރުމުގެ އިތުރުން ދަތުރުފަތުރު އަދި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެ އެވެ.

6. މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި ކެމްބޯޑިއާ ޗެމްބާ އޮފް ކޮމަރސްގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުން

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބޯޑު މެމްބަރު މުހައްމަދު އިކްރާމް އިބްރާހިމްއެވެ. ކެމްބޯޑިއާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކެމްބޯޑިއާ ޗެމްބާ އޮފް ކޮމާސްގެ ރައީސް ނިޔެކް ކިތް މިޔެންއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ އިތުރުން ދިވެހިރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިނާޢީ ވިޔަފާރިތައް އަދި އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ފުރުސަތުތައް ހުޅުވިގެންދާނެއެވެ.

"ޖުމްލަ ގޮތެއްގައި މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން، އަޅުގަނޑުމެން ދެ ގައުމުގެ މުސްތަގުބަލަށް އުޖާލާކަން ގެނުވައިދޭނެ. ކުރިމަގުގައި މި ގުޅުން އިތުރަށް ދިރުވައި އާލާކޮށް ހަރުދަނާ ކުރުމަކީ އަޅުގަނޑު ނުހަނު އިސްކަންދޭ ކަމެއް،" މި އެއްބަސްވުންތަކާއި ގުޅިގެން ދެ ގައުމުން ދިން ގުޅިފައިވާ ބަޔާނުގައި ގުޅިގެން ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ. މިއީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.