ރާއްޖޭގެ ރިސޯޓުތަކުގައި އިންޓާންޝިޕް ފުރިހަމަ ކުރުމުގެ 20 ފުރުސަތު ކެމްބޯޑިއާއަށް ދީފި އެވެ.
ރައީސް އޮފީހުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމާޑެކް އައްކާ މޮހާ ސޭނާ ޕަޑެއި ޓެޗޯ ހުން ސެންއާއިއެކު މިއަދު ދެއްވި ގުޅިފައިވާ ބަޔާނެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރާއެކު ކުރެއްވި މަޝްވަރާތައް ހިއްސާކުރައްވާފަ އެވެ.
މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ކެމްބޯޑިއާގެ ރައްޔިތުން ވަޒީފާ އަދާކުރުމުގައި ހުރި ޝައުގުވެރިކަމާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ރާއްޖޭގެ ރިސޯޓުތަކުގައި އިންޓާންޝިޕް ފުރިހަމަ ކުރުމުގެ 20 ފުރުސަތު ކެމްބޯޑިއާއަށް ދޭން ނިންމާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ މި އިންޓާންޝިޕްގެ އިތުރުން ރާއްޖޭގެ ކޯސްޓްގާޑުން މި އަހަރު ހިންގާ ބޭސިކް ޑައިވް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ކެމްބޯޑިއާގެ ސިފައިންގެ އޮފިސަރުންނަށް ވެސް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ތައުލީމް ހާސިލުކުރުމުގެ ދެ ސްކޮލާޝިޕް ފުރުސަތު ވެސް ދިވެހި ސަރުކާރުން ވަނީ ކެމްބޯޑިއާއަށް ދީފައެވެ. ކެމްބޯޑިއާއިން ވަނީ ރާއްޖެއަށް ސްކޮލަޝިޕްގެ 10 ފުރުސަތު ދޭން ނިންމާފަ އެވެ.
ކެމްބޯޑިއާއާއި ރާއްޖެއާ ދެމެދު ބޭއްވި މަޝްވަރާތަކުގެ އިތުރުން، ވިސާ މައާފުކޮށްދިނުމާއި ސިއްހީ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އަދި އިގުތިސާދީ ތަރައްގީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ޖުމްލަ ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މީގެ އިތުރުން ދެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ދެމެދުގައި ވެސް އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.