ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވީ އާދިއްތަ ދުވަހު އެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުހަބާ ދެންނެވުން އޮތީ ހޯމަ ދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގަ އެވެ. ބޮޑުވަޒީރު ހުން ސެންއަށް މާލޭ އިއްޒުއްދީން ފާލަމުން މަރުހަބާ ވިދާޅުވީ ރައީސް ސޯލިހް އެވެ.
ރައީސް ސޯލިހްއާ ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ރައީސް އޮފީހުގައި އިއްޔެ ބައްދަލުކުރައްވާފަ އެވެ.
މީގެ އިތުރުން އެކިދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ރާއްޖެ އާއި ކެމްބޯޑިއާ އާއި ދެމެދު ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އޭގެ ތެރޭގައި ދިވެހިންނަށާއި ކެމްބޯޑިއާގެ ރައްޔިތުންނަށް ވެސް ވިސާ ނެގުމަކާ ނުލައި 30 ދުވަހުގެ މުއްދަތަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ ވިސާ އެއްބަސްވުމަކާއި ސިއްހީ ދާއިރާއިން ކެމްބޯޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ހިމެނެ އެވެ.
އޭގެ އިތުރުން ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ އެއްބަސްވުމަކާއި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްވެސް ހިމެނެ އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެންގެ ޝަރަފުގައި ރައީސް ސޯލިހް ދެއްވި މެންދުރުގެ ރަސްމީ ފަރިއްކޮޅު އޮތީ ހޯމަ ދުވަހު މެންދުރު އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށީގައެވެ. މިފަރިއްކޮޅުގައި ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ބޮޑުވަޒީރުގެ ހުން ސެންގެ ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބޮޑުވަޒީރުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.
ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ ސެޕްޓެމްބަރު 21، 1995ގަ އެވެ.