ލޭގެ ޕްރެޝަރު ދަށްކުރުމަށާއި ހިތުގެ ނިޒާމުގެ މަސައްކަތް ރަނގަޅުކޮށްލަންޖެހޭ ކަމަށް ޑޮކްޓަރުން ބުނެފިނަމަ ކޮންމެ މީހަކުވެސް ވަރަށް ހާސް ވާނެ އެވެ. ނަމަވެސް ޕްރެޝަރު ދަށްކުރުމަށާއި ހިތުގެ ސިއްހަތު ރަނގަޅުކުރަން އެ ކުރަން ޖެހޭ ކަންތައްތަކަކީ އެތައް ޒަމާނަކުއްސުރެ ނުކޮށް ހުންނަ ކަންތައްތައް ނަމަ އެ އާދަތައް އަލުން ބަލުން ހަރުލެއްވުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.
ވަރަށް ޅަ އުމުރުގައި ވެސް ހިތުގެ މައްސަލަތައް ޖެހޭ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އަދި މިއީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. ހިތުގެ ހާއްސަ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ހިތުގެ ބަލިތަކުގެ 90 ޕަސެންޓަކީ އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިގެން އެކަމަކުން ދިފާއު ވެވޭނެ ކަންކަމެވެ. ކެއިން ބުއިމުގެ އާދަތަކާއި ލައިފްސްޓައިލަށް ބަދަލު ގެނެސްގެންނެވެ.
އިންޑިއާގެ ކާޑިއޮލޮޖިސްޓެއް ކަމަށްވާ ޑރ. ކަސްތޫބް ދަބްދާކަރް ވިދާޅުވީ ދިރިއުޅުމަށް މިހާރުއްސުރެ ބަދަލު ގެނެސްގެން މުޅި އުމުރަށް އޭގެ އެދެވޭ އަސަރު ހަށިގަނޑަށް ކުރުވިދާނެ ކަމަށެވެ.
ހިތުގެ ހާއްސަ ޑޮކްޓަރުން އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އާއްމުކޮށް މީހުން ކޮށް އުޅޭ ކަންތައްތަކުގެ ތެރެއިން ހަމަ އެއް ކަމެއް ބަދަލުކޮށްލައިގެން ހިތުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަ ކުރެވިދާނެ ކަމަށެވެ. އެއީ ގޭގައި އަމިއްލައަށް ކައްކައިގެން ކެއުމެވެ.
ޓަފްޓްސް ފްރީޑްމަން ސްކޫލް އޮފް ނިއުޓްރިޝަން ސައިންސް އެންޑް ޕޮލިސީގެ ޕްރޮފެސަރު އަދި ކާޑިއޮލޮޖިސްޓް ޑރ. ޑާރިއުޝް މޮޒައްފަރީން ވިދާޅުވީ ގޭގައި ކައްކަން ބާރު އަޅަނީ އޭރުން ޕްރޮސެސްކޮށްފައި ހުންނަ ކާއެއްޗެހި ކެވޭލެއް މަދުކުރެވޭނެތީ ކަމަށެވެ.
އެމެރިކާގެ ސެންޓާ އޮފް ޑީޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ރިޕޯޓެއް ބުނާ ގޮތުގައި އެ ގައުމުގެ މީހުންގެ ހަށިގަނޑަށް އެތެރެވާ 70 ޕަސެންޓް ސޯޑިއަމް އަކީ ޕްރޮސެސް ފުޑް ނުވަތަ ކާނާއިން އެތެރެވާ އެއްޗިއްސެވެ. ސޯޑިއަމް މިތަނުގައި ފާހަގަކުރަން ޖެހުނީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި ހިތުގެ ސިއްހަތު ގޯސްވުމުގައި ސޯޑިއަމްގެ ދައުރު ބޮޑުކަމުންނެވެ.
"ގޭގައި ކައްކާނަމަ ކާ އެއްޗެއްސަށް އަޅާ އެއްޗެތީގެ މިންވަރު ކޮންޓްރޯލް ކުރެވޭނެ. ހަމައެކަނި ލޮނެއް ނޫން. ކާބްސް، ހަކުރު އަދި ސެޗުރޭޓެޑް ފެޓް އަކީ ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ އިތުރު ކުރުވާ އެއްޗެހި. މި ހުރިހާ އެއްޗެތި ކާނާގައި ހިމެނޭ މިންވަރު މަދު ކުރެވޭނެ އަމިއްލަ އަށް ކާއެއްޗެތި ތައްޔާރުކުރާނަމަ،" ޑރ. ޑާރިއުޝް ވިދާޅުވި އެވެ.
ކެލޮރީޒް މަތި ކާނާ ހާއްސަކޮށް ސެޗުރޭޓެޑް ފެޓްސް، ޓްރާންސް ފެޓްސް، ރިފައިންޑް ކާބޯހައިޑްރޭޓްސްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ބޭޑް ކޮލެސްޓްރޯލާއި ހަކުރު ހުންނަ މިންވަރުމަތިވޭ. މި ހުރިހާ ކަމެއް އެކުވެގެން ހިތަށް ލޭ ފޮނުވައިދޭ ލޭ ހޮޅިތަކަށް ސަރުބީ ޖަމާވެ ހޮޅިތައް ހަރުވެ އެތެރޭގައި އާޓްރީޒްގެ އެތެރޭގައި ފޮރިޖަހަނީ،" ޑޮކްޓަރު ވިދާޅުވި އެވެ.
ހިތުގެ ސިއްހަތަށް އެންމެ ގޯސް ކާނާގެ ގޮތުގައި ޑޮކްޓަރު ފާހަގަކުރެއްވީ ޕޮޓޭޓޯ ޗިޕްސް، އައިސް ކްރީމް، ހަކުރު އަޅާ ފޮނިކޮށްފައި ހުންނަ ތައްޔާރީ ބުއިންތަކެވެ. މި ތިން ބާވަތަކީ ވެސް ފަސޭހައިން ގެއިންނާއި ރެސްޓޯރަންޓް ތަކުން ވެސް ލިބެން ހުންނަ އެއްޗިއްސެވެ.
ޑޮކްޓަރު އިރުޝާދު ދެއްވީ ހަށިގަނޑަށް ފައިދާ ހުރި ސަރުބީ އާއި ހަކުރު މަދު ބާވަތްތައް ހިމަނައިގެން ގޭގައި ކެއުން ތައްޔާރުކޮށް ކެއުމަށް އާދަކުރުމަށެވެ. އޭރުން މަޑުމަޑުން ހިތުގެ ސިއްހަތަށް ރަނގަޅުވާނެ ކަމަށެވެ.
"އާއްމުކޮށް ކައްކާ ނޫޅުނަސް ހަފުތާއަކު އެއް ދުވަހަކު ނަމަވެސް އަމިއްލައަށް ގޭގައި ކައްކައިގެން ކާން ފަށާ. އަނެއް ގޮތަކީ ހަފުތާއެއް ތެރޭގައި ބޭނުންކުރާ ނިއުޓްރިއަންޓްސް މަދު ކާނާ މިހާރުއްސުރެ ކެއުން މަދުކުރަން ފެށުން. އޭގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި ކޮންމެވެސް އެއްޗެއް ކާން ފެށުން. މިސާލަކަށް މެންދުރު ކާ ގަޑީގައި ޗިޕްސް ކާން އާދަވެފައި ހުރިނަމަ ޗިޕްސްގެ ބަދަލުގައި އަތް ގޮއްޓެއްހާ ނަޓްސް ކޮޅެއް ކާލެވިދާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ގޭގައި ކާ ގަޑިގަޑީގައި ވެސް ޓީވީ ބަލަން ނުވަތަ ފޯނާ ކުޅެން އިނދެގެން ކެއުން ރަނގަޅެއް ނޫނެވެ. އޭރުން ކެވޭ މިންވަރު އިހްސާސް ނުކުރެވި މާ ގިނައިން ކެވޭނެތީ އެވެ.
ގަވާއިދުން ކަސްރަތު ކުރުމާއި ރޭގަނޑު ހަމަ ނިދި ހޯދުމަކީ ވެސް ހިތުގެ ސިއްހަތު ރަނގަޅުކުރަން މުހިއްމު ކަންތައްތައް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ކުއްލިއަކަށް ހިތުގެ މައްސަލަޖެހި ޒުވާން އުމުރުގައި ދުނިޔެ ދޫކުރަން ޖެހުން ނުވަތަ އެތައް އަހަރެއް ވަންދެން ހިތުގެ ބައްޔަށް ފަރުވާ ކުރުމުގައި އުޅުމަށްވުރެ ދިރިއުޅުމަށް ބަދަލު ގެނެސްގެން ހިތުގެ މައްސަލަތަކާ ދުރުވެވޭތޯ މަސައްކަތްކުރުން މާ ރަނގަޅުވާނެ ކަމަށް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ.