މޯލްޑިވްސް ޕޮލިސް ސާވިސް

އާރްސީސީގެ ވޭނުގައި ބަނގުރާ އުފުލި ޑްރައިވަރު ޑީޕޯޓުކޮށްލައިފި

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ ވެހިކަލަކުން ބަނގުރާ ފުޅިތަކެއް އަތުލައިގަތްއިރު ވޭން ދުއްވަން އިން ބިދޭސީ ޑްރައިވަރު ޑީޕޯޓްކޮށްލައިފި އެވެ.

އާރްސީސީގެ ވޭނަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެވުނީ ވެހިކަލް ދުއްވާފައި ދަނިކޮށް ޝައްކުވާ ކަންތައްތަކެއް ފާހަގަވުމުން ފުލުހުން އެ ވޭން ހުއްޓުވައި، ބަލައި ފާސްކުރުމުގެ ތެރޭގައި މި މަހުގެ 11 ވަނަ ދުވަހު އެވެެ.

މި މައްސަލައިގައި އެކުންފުނި ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި މުހައްމަދު ނާޒިމު ވަނީ އާރްސީސީގެ ވޭނެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާތީ، އެކަމާ ގުޅިގެން ކުންފުނީގެ އެތެރޭގެ ތަހުގީގެއް ހިންގާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު މައްސަލައިގައި އިހުމާލުވާ ޑްރައިވަރު މިއަދު ވަނީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލާފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އާރްސީސީ އަކީ ތަފާތު ދީންތަކުގެ ތަފާތު ގައުމުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން މަަސައްކަތްކުރާ ކުންފުންޏެވެ.