ފިނިޕޭޖް

ތިން އަހަރަށްފަހު މާވެލް ފިލްމްތައް ޗައިނާގައި ދައްކަނީ

ތިން އަހަރަށް ވުރެއް ގިނަ ދުވަސްފަހުން ޑިޒްނީގެ މާވެލްގެ ފިލްމްތައް ޗައިނާގައި ދެއްކުމަށް ހަމަޖެހިއްޖެ އެވެ.

މާވެލް ސްޓޫޑިއޯ އިން ވީބޯގައި އިއުލާން ކުރި ގޮތުގައި މިދިޔަ ނޮވެމްބަރ މަހު ރިލީޒްކުރި "ބްލެކް ޕެންތާ: ވަކަންޑާ ފޮއެވާ" ޗައިނާގެ ފިލްމު ތިއޭޓަރުތަކުގައި ޗައިނީޒް ނިއު އިޔާއަށްފަހު ކުރިއަށް ފެބްރުއަރީ ހަތްވަނަ ދުވަހު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އޭންޓްމޭން އެންޑް ދަ ވާސްޕް: ކުއަންޓުމޭނިއާ" އަޅުވާނީ ފެބްރުއަރީ 17 ގައެވެ.

މިއީ "އޭންޓްމޭން އެންޑް ދަ ވާސްޕް: ކުއަންޓުމޭނިއާ" އެމެރިކާގައިވެސް ތިއޭޓަރުތަކުގައި އަޅުވާ ދުވަހެވެ.

ޗައިނާގެ މާކެޓް ޑިޒްނީއަށް ގެއްލިގެން ދިއުމަކީ އެ ކުންފުންޏަށް ވަރަށް ގެއްލުން ލިބުނު ކަމެކެވެ. އެގޮތުން "ބްލެކް ޕެންތާ"ގެ ފުރަތަމަ ފިލްމަށް ޗައިނާގެ ބޮކްސް އޮފީހުން 105 މިލިއަން ޑޮލަރު ލިބިފައިވާއިރު، "އޭންޓްމޭން"ގެ ދެވަނަ ފިލްމަށް 121 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޗައިނާގައި އެންމެ ފަހުން އެޅުވި މާވެލް ފިލްމަކީ 2019 ގައި ރިލީޒްކުރި "އެވެންޖާސް: އެންޑްގޭމް" އެވެ.

ޗައިނާގެ ސަރުކާރުން ޗައިނާގެ އުފެއްދުންތެރިކަން ރައްކާތެރިކުރުމުގެ ނަމުގައި ބޭރުގެ ބައެއް ފިލްމުތައް އެޅުވުން މަނާ ކުރެ އެވެ.

ޗައިނާ ފިލްމު އެޑްމިނިސްޓްރޭޝަނުން މާވެލްގެ ފިލްމްތައް ޗައިނާގައި އެޅުވުން މަނާކުރި ސީދާ ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.