ނިއު ޒީލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑަން އިސްތިއުފާ ދެއްވަނީ އެވެ. އަންނަ މަހު އިސްތިއުފާ ދެއްވާނެކަން އެ ކަމަނާ މިހާރު ވަނީ އިއުލާންކުރައްވާފަ އެވެ.
ޖެސިންޑާ އާޑަން އަކީ ހިތްވަރުގަދަ ކަނބަލެއް ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި ވަކިން ނިއު ޒީލެންގެ އާންމުން ދެކޭ ގޮތުގައި ޖެސިންޑާ އަކީ އަރައި ހުންނެވި ކަނބަލެކެވެ.
މިހެން ކަން އޮތްވައި އެ ކަމަނާ އިސްތިއުފާ ދެއްވާނެކަން އިރުލާންކުރެއްވުމުން މުޅި ނިއު ޒީލެންޑް މިހާރު އޮތީ ޝޮކްޖެހި ބަސް ހުއްޓިފަ އެވެ.
އިސްތިއުފާ ދެއްވާ ސަބަބެއް ކަމަށް ޖެސިންޑާ ވިދާޅުވީ ގައުމަށް ދެން އިތުރަށް ކޮށްދެއްވާނެ ކަމެއް އެކަމަނާގެ ކިބައިގައި ނެތް ކަމަށެވެ. މަގާމުގައި ދެމިހުންނަވަން ހައްދަވައިފިނަމަ ގައުމަށް އަދި އަމިއްލަ ނަފުސަށް ފައިދާއަށް ވުރެ ގެއްލުން ބޮޑުވެދާނެ ކަމަށެވެ.
އެ ބިރު ހީވެވަޑައިގަންނަވާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.
ބޮޑުވަޒީރުގެ މަގާމަކީ ޝަރަފުވެރި މަގާމެއް ކަމަށްވެސް ޖެސިންޑާ ވިދާޅުވި އެވެ. އެހެންނަމަވެސް، ޝަރަފުވެރިކަމުގެ ފަހަތުގައި ނުހަނު ބޮޑު ޒިންމާއެއް އޮތް ކަމަށްވެސް ވިދާޅުވި އެވެ.
މަގާމުގައި މިހާ ދުވަސްވުމުން މިހާރު ގަބޫލުކުރެއްވެނީ މި މަގާމަށް އެންމެ އެކަށިގެންވަނީ އެކަމަނާ ނޫން ކަމަށް ވެސް ޖެސިންޑާ ވިދާޅުވި އެވެ.
ޖެސިންޑާ އާޑަން، 42، ނިއު ޒީލެންޑްގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑަގަތީ އޮކްޓޯބަރު 26، 2017 ގައެވެ. އެއިރު އެކަމަނާގެ އުމުރަކީ 37 އަހަރެވެ.
"އަޅުގަނޑަކީ އިންސާނެއް،" ޖެސިންޑާ ވިދާޅުވި އެވެ. "ސިޔާސީ ލީޑަރުންނަކީ އިންސާނުން -- ސީޔާސީ ލީޑަރުން ގައުމަށް ޚިދުމަތްކޮށްދެއްވަން ވާނީ ރަނގަޅު ޚިދުމަތްތަކެއް ކޮށްދެވިދާނެ ކަމަށް ގަބޫލުކުރެވޭހާ ދުވަހެއް ވަންދެން،" ބޮޑުވަޒީރު ވިދާޅުވި އެވެ.
"ގައުމަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދެވިދާނެކަން ގަބޫލުނުކުރެވޭނަމަ އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން" ޖެސިންޑާ ވިދާޅުވި އެވެ.
ޖެސިންޑާ ވިދާޅުވި ގޮތުގައި މަގާމުގައި ދެމިހުންނަވައި އިތުރު ދައުރަކަށް ކުރިމަތިލެއްވުމާ މެދު އަމިއްލަ ނަފުސަށް ވިސްނައިދެއްވި ކަމަށެވެ. އެހެންނަމަވެސް އެކަމަނާގެ އަމިއްލަ ޟަމީރު އެގޮތް ގަބޫލު ނުކުރެއްވީ ކަމަށެވެ.
ނިއު ޒީލެންޑްގެ ޚަބަރުތައް ބުނާ ގޮތުން ޖެސިންޑާ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާ އެންމެ ފަހު ދުވަހަކަށް ވާނީ ފެބްރުއަރީ 7، 2023 އެވެ. އެެހެން ނަމަވެސް ބައި-އިލެކްޝަނެއް ބާއްވަން ޖެހިދާނެތީ ލޭބާ ޕާޓީގެ ޕާލިމެންޓް މެމްބަރެއް ގޮތުގައި އޭޕްރީލް ނިމެންދެން އެކަމަނާ ދެމިހުންނަވާނެ އެވެ.
ޖެސިންޑާގެ އިސްތިއުފާއާ ގުޅިގެން އެކަމަނާ ތަމްސީލުކުރައްވާ ލޭބާ ޕާޓީން ބުނީ ޕާޓީއަށް ލީޑަރަކު ހޮވުމަށް ވަރަށް އަވަހަށް ބައްދަލުވެއް ބާއްވާނެ ކަމަށެވެ. އޮކްޓޯބަރު 14 ގައި އޮންނަ އާންމު އިންތިހާބުގައި ބޮޑުވަޒީރުގެ މަގާމަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޖެސިންޑާ އާޑަން ނިއު ޒީލެންޑްގެ ބޮޑުވަޒީރުގެ މަގާމު ފަސް އަހަރަށް ވުރެ ގިނަ ދުވަހު ވަނީ އަދާކުރައްވާފަ އެވެ.
އެ ކަމަނާއަށް މި މުއްދަތުގައި ކުރިމަތިވެ ވަޑައިގެންނެވި ގޮންޖެހުންތަކުގެ ތެރޭގައި ނިއު ޒީލެންޑްގެ ސިޓީއެއް ކަމަށްވާ ކްރިސްޓްޗާޗްގެ މިސްކިތަކަށް -- ނަމާދުކުރަން ތިބި މުސްލިމުންނަށް ޓެރަރިސްޓަކު ބަޑިން ދިން ހަމާލަތަކާއި، ކޮވިޑާ ގުޅިގެން ދުނިޔެއަށް ދިމާވި ބިރުވެރިކަން އަދި ނިއު ޒީލެންޑްގެ ރަށެއް ކަމަށްވާ ވައިޓް އައިލެންޑްގައި އަލިފާން ފަރުބަދައެއް ގޮވައި ކުރިމަތިވި ބިރުވެރި ހާދިސާ ހިމެނެ އެވެ.